މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް އަންނަ އަހަރު ބަދަލުކުރަން ނިންމާފައިވާތީ، ޕޯޓުގެ ހިދުމަތް ހޯދާ އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު އޭގެ ކުރިން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްޕީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ކުރިއަށް ގެންދާ ޕޯޓް ރީލޮކޭޝަން ޕްރޮޖެކްޓުގެ ކަންކަމުގައި ކަމާގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ގޮތުން ލޮރީ ޑްރައިވަރުންނާއި ކްލިއަރިން އެޖެންޓުންނާ ބައްދަލުކޮށް، އެ ޕްރޮޖެކްޓާ ބެހޭ ގޮތުން މަޝްވަރާކޮށް އެ ފަރާތްތަކުގެ ހިޔާލާއި ފީޑްބެކް ހޯދާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ތިލަފުށީ ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށާއި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާ ޕޯޓުގެ ހިދުމަތްތަކަށް ބަދަލުވުމާ ގުޅޭ ގޮތުން ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވެ އެވެ. ޕޯޓު ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާ އެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ މާލޭގެ އެތެރެއަށް ދަތިނުވާ ގޮތަށް ކަމަށެވެ.
ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި އަދި އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި ލުއިތަކެއް ދީގެން ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓް ހިންގާ ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމެއް މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރު ނޮވެމްބަރު މަހު 11 ގައި ތިލަފުށީގައި ޕޯޓުގެ ހިދުމަތް ފަށާށެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ކުރިން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މެއި މަހު އެކެއްގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށް ވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.
އެތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ.