ފިތުނަފަސާދަ އުފައްދައި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ގެންނަ ބަޔަކަށް ނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވުމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ.
ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީގެ ހަނދާންތައް ވެސް މިއަދު އާވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކު ވެސް ފެންނަން އޮތް ހަގީގަތަކީ، މި ގައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބައެއްގެ ހިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން ކަމަށެވެ. މިއަދު ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޔާދަވިޔަ ނުދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ގޮވާލައްވާ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ދިދަނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ މާދަމާ ހެނދުނު ހއ. އުތީމުގަ އެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.