ރައީސް ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް އާއްމުންގެ ޝަކުވާތައް ހިއްސާކުރަން ފަށާފައިވާ "ރައްޔިތުންގެ އަޑު"ގެ ބައްދަލުވުމަށް އިތުރު ދާއިރާތަކުން މީހުން ނަން ނޯޓުކުރަން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ 93 ދާއިރާގެ ތެރެއިން 8 ދާއިރާގެ މީހުން ނަން ނޯޓުކުރަން ހުޅުވާލައިފަ އެވެ. އެއީ ހއ. އިހަވަންދޫ ދާއިރާ، ޅ. ނައިފަރު ދާއިރާ، ލ. ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، އދ. މާމިގިލި ދާއިރާ އަދި ގދ. ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ މީހުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަން ވަނީ މުއްދަތު ދީފަ އެވެ. 

ރައީސާ ބައްދަލުކޮށް، އާއްމުންގެ ހިޔާލާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރަން ފަށާފައިވާ ސިލްސިލާ ބައްދަލުވުމުގެ ލައިވް މިރޭ ދައްކަން ވަނީ ފަށައިފަ އެވެ. އެ ބައްދަލުވުގައި ކޮންމެ މީހަކަށް ވެސް 10 މިނެޓު ލިބޭނެ އެވެ.