ނުކުޅެދުންތެރިކަން ހުންނާތީ ގޮނޑީގައި (ވީލްޗެއާ) ގައި އުޅޭ މީހަކު މާލެ ސަރަހައްދުގެ ދެ މިސްކިތަކަށް ނުވެއްދި މައްސަަލައިގެ ޝަކުވާ، ވީޑިއޯ ހެއްކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމުން، އެކަން ހައްލު ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ކުރިއަށް ގެންދަވާ ޕްރޮގްރާމްގައި ބައްދަލުކުރި މީހަކު އެ މަނިކުފާނަށް ދެންނެވީ އަލިކިލެގެފާނު މަގުގައި ހުންނަ ސޮލާހުއްދީން މިސްކިތަށް ގޮނޑީގައި ވަންނަން އުޅުމުން ނުވައްދާނެ ކަމަށް ބުނެ، ވަރަށް ހުތުރުކޮށް ދޮރު ލެއްޕި ކަމަށެވެ. މިސްކިތުން އެގޮތަށް ކަންތައް ކުރި މީހުން އުޒުރަކަށް ދެއްކީ އެ މީހާ ރައީސް މުއިއްޒަށް ކިޔައިދިން ގޮތުގައި މިސްކިތް ހަޑިވެދާނެ ކަމުގެ ކަންބޮޑުވުމެވެ.
"... ދެން އަޅުގަނޑު ބުނިން ދޮރު ކައިރީ އަރިމަތީގައި ވެސް ބޭންދޭނެނުންތޯއޭ، ތިޔަބޭފުޅުންނަށް ފަހުން ސާފު ވެސް ކޮށްލެވޭނެނުންތޯއޭ. ބުނީމާ ވެސް، ބުނީ ނުވެއްދޭނެއޭ، ވީލްޗެއާ މީހުންނަކަށް މިއިން ޒަމާނަކު ވެސް މި މިސްކިތަކަށް ނުވެެއްދޭނެޔޯ،" ފާއިޒް ނަމަކަށް ކިޔާ އެ މީހާ ރައީސަށް ދެންނެވި އެވެ.
ފާއިޒް ބުނި ގޮތުގައި ހުޅުމާލޭގައި ހުންނަ މިސްކިތަކުން ވެސް އޭނާއާ މެދު އަމަލުކުރީ ހަަމަ އެގޮތަށެވެ. އެހެންވެ، އޭނާ މިހާރު ނަމާދުކުރަނީ މުޅިން ވެސް ގޭގަ އެވެ.
"އަޅުގަނޑު މިސްކިތަކަށް މިހާރު ނުދަން، މިސްކިތުން އަޅުގަނޑަށް ދޮރު ބަންދުކޮށްލީތާ،" އޭނާ ބުންޏެވެ.
ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން ހައްލު ކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
"ތިޔަ ވިދާޅުވި ކަންތަކުގައި ވެސް މަަސައްކަތް ކޮށްދޭނަން އިނގޭތޯ ރަނގަޅު ގޮތެއް ވޭތޯ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
ގޮނޑީގައި އުނދަގޫ އެހެން ކަންތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ބަހަށް އަރަން ކުރަން އޮންނަ އުނދަގޫ ކަމާއި އެންސްޕާގެ އެހީގައި ދޫކުރާ ގޮނޑީގެ ފެންވަރު އެހާ ރަނގަޅުނުވުން ވެސް އެއީ ދައްޗެއްގެ ގޮތުގައި ފާއިޒް ފާހަގަކުރި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފާއިޒް ފާހަގަކުރެއްވީ މުހިއްމު ކަންތައްތަކެއް ކަމަށާއި އެ ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.