އާންމު ތަންތަނުގައި މީހުންނަށް އުނދަގޫވާ ގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ މައްސަލަ ކައުންސިލްގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) އެވެ.
އޭނާ ހުށަހެޅުއްވީ އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުލުހުންނަށް އެންގުމަށެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ މާލޭގައި އާންމުން އެއްވާ އެކި ތަންތަން، ހާއްސަކޮށް ޕާކުތަކަށް ކުޑަކުދިން ގޮވައިގެން ހިތްފަސޭހަކޮށްލުމަށް އެ ކުދިންގެ މައިންބަފައިން ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
ޒާޔާ ވިދާޅުވި ގޮތުގައި، އެއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް އަދި ސިއްހީ ގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
އެހެންވެ، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރުމަށް ފާސްކުރީ އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ.