ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އަލުން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ރޭ ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ބަލައިގަންނާނީ އެ މުއްދަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ޕްރޮޕޯޒަލް އެކަނި ކަމަށާއި އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށް ބުންޏެވެ.
އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
އެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މެއި މަހު އެވެ.
މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު މިހާތަނަށް އޮޕަރޭޓުކުރަމުން ދިޔައީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިންނެވެ. އެ އެއާޕޯޓަށް މި ވަގުތު ކޮންމެ ދުވަހަކު ވެސް 8 ފްލައިޓަށް ވުރެ ގިނައިން ޖައްސަ އެވެ.
އެ ސަރަަހައްދުގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ޗުއްޓީ ހޭދަކުރަން ދިއުމަށް ގިނަ ބަޔަކު ބޭނުން ކުރަނީ އެ އެއާޕޯޓެވެ.
އެ އެއާޕޯޓު އިތުރަށް ތަރައްގީކުރަން އައިލެންޑު އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ އޭޕްރީލް 1 ގަ އެވެ.