ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅި މައްސަލަގައި ބަދަލެއް ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިފި އެވެ. 

މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް ގެނައި ފުރަތަމަ ބޭރުގެ ސީއީއޯ ވިޓަލީ މަގާމުން ވަކިކުރީ އޭނާ އެ މަގާމަށް އައްޔަންކުރިތާ ތިން މަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މަގާމުން ވަކިކުރި މައްސަލައިގައި ވިޓަލީ ވަޒީފާއާ ބެހޭ ޓްރައިބިއުލަނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ.

އެހެންވެ، އޭނާ އެ މައްސަލައިގައި އެދުނީ މަގާމުން ވަކިކުރީ ދޭންޖެހޭ ނޯޓިސް ނުދީ ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ދިނުމެއް ނެތި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށް ވެސް އޭނާ އެދިފައި ވެ އެވެ.

އެ މައްސަލަގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވާ ގޮތުން ވިޓަލީއާ އެއްކޮށް މިފްކޯ އިން ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދައިފައިވެ އެވެ. ނަމަވެސް، އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެކަން ކުރުމުގެ ހުއްދަ އޮތް މީހެއް ނޫން ކަމަށް ނިންމުމުގައިވެ އެވެ. އެހެންވެ، އެއީ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ކަނޑައެޅި އެވެ. 

ތަންފީޒު ނުކުރެވޭ އެއްބަސްވުމެއްގެ ދަށުން ނޯޓިސްގެ ބަދަލުގައި އެއްވަސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ޓްރައިބިއުލަނުން ކަނޑައަޅާފައިވެ އެވެ. 

މިފްކޯ އިން ޓްރައިބިއުނަލަށް މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ވެސް ހުށަހެޅި އެވެ.

ކުންފުނީގެ ގާނޫނުގެ ދަށުން އައްޔަންކުރާ މެނޭޖިން ޑިރެކްޓަރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯ މިފްކޯއިން ސުވާލު އުފައްދާފައިވެ އެވެ. އެފަދަ ވަޒީފާއަކުން މީހަކު ވަކިކުރުމުން އެ މައްސަލައެއް ޓްރައިބިއުނަލަށް ބެލިދާނެ ކަމާ މެދު ވެސް ސުވާލު އުފެއްދި އެވެ.

އެކަމާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނީ، މިފްކޯއިން ވަނީ މިޓަލީއާ އެކު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ މާއްދާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރި ނަމަވެސް، ސީއީއޯ އާއި ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އިސްތިސްނާވާ މާއްދާތައް ނޫން ވަޒީފާއާ ބެހޭ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

އެހެންވެ، ޓްރައިބިއުނަލުން ނިންމީ އެއީ އެ ތަނުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ. 

މީގެ ކުރިން މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވެ އެވެ. ނަމަވެސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.