ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ހިދުމަތެއް ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އެ އިދާރާ ހިންގަމުން ގެންދާނީ ހުޅުމާލެ 1 ގައި ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަަމަށެވެ.

އެ ބަދަލާ އެކު، އެ އެޖެންސީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެންްހަޓަން ބްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެ އެޖެންސީގެ ކައުންޓަރުން ލިބޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ މިހާރު ހިންގަނީ ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގަ އެވެ.

އެޗްޕީއޭގެ މަސައްކަތްތައް ބަދަލުކުރި މެންހަޓަން ބްރޭންޑް ހޮޓަލުގެ ފްލޯތައް އިތުރު އޮފީސްތަކަށް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ އެ ހޮޓަލުގެ ގްރައުންޑް ފްލޯ މީޑިއާ ވިލެޖުގެ ގޮތުގައި ހާއްސަ ކުރުމެވެ. 

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން އަމާޒަކީ ފަސް ތަރީގެ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ، މީޑިއާ ވިލެޖްގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓާ ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން ހަވާލުކުރީ މިދިޔަ އަހަރުގަ އެވެ. އެއީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އެވެ. 

އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖުގެ އިތުރުން ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހިންގާނެ ކަމަށާއި އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ ހަތަރު މަސްދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ. 

އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދާނެ އެވެ. 

"މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން ހިންގާނެ އެ ހޮޓަލަކީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ ވެސް އެކު އޮޕަރޭޓް ކުރާނެ ތަނެކެވެ. އެ މަޝްރޫއަށް އިންވެސްޓުކޮށްފައި ވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.