ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް އެ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން އެކި ދާއިރާތައް ޑިޖިޓަލް ވާނެ ކަމަށެވެ. އޭގެ ދަށުން ސްމާޓް އައިޑީ ކާޑު ތައާރަފް ކުރުމަކީ ސަރުކާރުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަންގެ ބޮޑު މަޝްރޫއެއްގެ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސްމާޓް އައިޑީ ކާޑަކީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ކާޑެކެވެ. މި ކާޑުގެ އެހީގައި ޕޭމަންޓްތައް ދެއްކުމުގެ އިތުރުން، އެ މީހެއްގެ އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަތުގައި އޮންނާނީ ފިޒިކަލް އައިޑީކާޑެއް. އެހެން ނަމަވެސް އައިޑީކާޑުގެ ބާވަތް ބަދަލުވަނީ ޑިޖިޓަލައިޒްކޮށް، ސްމާޓްކޮށް. އޭގެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭ ކަހަލަ ޕޭމަންޓް ދެއްކުން ވިޔަސް ހުރިހާ ކަމެއް ވެސް ކުރެވޭ ގޮތަށް މި ބަދަލުތައް އަންނަނީ،" ތަފުސީލް ހިއްސާ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ކާޑުން ހުރިހާ ކަމެއް ވެސް ކުރެވޭނެ، ތަންތަނުން ހިދުމަތް ހޯދަން ވިޔަސް، ހިދުމަތް ލިބިގަތުން ކަމަށް ވިޔަސް."
އެ މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ރައްޔިތުން މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތަކުން ވެސް ބައިވެރިވާން ޖެހޭނެ. އެއްވެސް ތަނެއް އިސްތިސްނާއެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ޑިޖިޓަލް ކުރުމުގެ ބޭނުމަކީ މުޅި ރާއްޖެ އިން ކޮރަޕްޝަން ނައްތާލައި ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދެފުށް ފެންނަ ގޮތެއްގައި ދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޑިޖިޓަލް އިގްތިސާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ މަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކީ ވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭހާ ފަސޭހަ ހިދުމަތަކަށް ވުމަކީ ސަރުކާރުގެ އަމާޒަކެވެ.