ކ. ހިންމަފުށީގެ ބޭރުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން މިރޭ އިލްތިމާސް ކޮށްފި އެވެ.

ދިވެހި ސިފައިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ބާޖު އޮޔާދަނީ ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން، ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށެވެ.

ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.

ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވާން އެދުނެވެ. 

މިއަދުގެ ހެނދުނުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް މިހާތަނަށް ވަނީ ވެފަ އެވެ. އޭގެ ތެރޭގައި ކ. މާފުށީ ބޭރުގައި އޮންނަ ޕްރިންސެސް ލާލަ (މާފުށީ ފްލޯޓިން ބާ) ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވުން ހިމެނެ އެވެ. އަދި ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ ބިދޭސީއަކު ވަނީ ގެއްލިފަ އެވެ. އެ ކޮޅުވެއްޓިން ދަތުރުކުރި ބާކީ 8 މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.