ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާ ގައުމީ މަޖިލިސް އެކުލަވައިލަނީ 100 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާ އެކު ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސަށް ލަފާއަރުވަން ހާއްސަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވައިލަން ނިންމާފައިވާކަން އެ މަނިކުފާނު އިއުލާނު ކުރެއްވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަހުގެ 26 ގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ގައި އޭގެ ބައެއް ތަފުސީލްތައް ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އެތައް ބޭފުޅުންނެއް އެބަތިއްބެވި ކަމަށެވެ.
ގައުމުގެ ކަންކަމުގައި އެ ބޭފުޅުންނަށް ބަސް ކިޔައި، ހިޔާލު ދިނުމުގެ ނިޒާމެއް އޮންނަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ގައުމީ މަޖިލިސް އެކުލަވައިލަން ނިންމެވީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި މަޖިލީހުގައި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް ވެސް ބަސް ކިޔުމަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ފުރުސަތު މިދެނީ ނިޒާމުގެ ތެރެއިން ގައުމުގައި ހުންނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަމުގައި ޕޭޕަރު ހުށަހަޅައި ކަންކަމުގައި މަޝްވަރާ ދެއްވާ އަދި މިފަދަ ކަންކަން ކުރުމުގައި. މިކަން ވެސް ދެކޮޅަށް ހިނގާނެ،" ރައީސް ވިދާޅުވި އެވެ.
"އެއީ އެބޭފުޅުން އިސް ނަގައިގެން ކަންކަން ހުށަހެޅުމާއި އަޅުގަނޑުމެންގެ ފަރާތުން ވެސް އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް އެ ބޭފުޅުންގެ ލަފާ ހޯދޭނެ."
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ހުރިހާ ދާއިރާއެއްގައި ތިބި ތަޖުރިބާކާރު ފަންނުވެރިން ހިމަނައިގެން އެކުލަވާލާ ގައުމީ މަޖިލީހުގައި 100 އަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާނެ އެވެ.
އޭގެ ތެރޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މަތީ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ތިއްބެވި ބޭފުޅުން ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެފަދަ މީހުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް މި އެކުލަވާލަނީ. އޭރުން އަޅުގަނޑު ބޭނުންވާ ހާލަތެއްގަ އާއި އެ ބޭފުޅުން އިސްނަގައިގެން ވެސް ލަފާދެވޭނެ،" ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ސއްިހީ ދާއިރާއަށް ބެލިޔަސް ޕަބްލިކް ހެލްތު، ޑޮކްޓަރުންނާއި ނަރުހުން، ކާބޯތަކެތި، މިހެން ގޮސް އެކި ދާއިރާތައް އެބަހުރި. ތައުލީމީ ދާއިރާ، ޕްރައިމަރީ ޓީޗިން ދާއިރާ ހިމެނޭ. އިކޮނޮމީ ދާއިރާ ވެސް. އެންމެ ތައުލީމީ ތަޖުރިބާ ހުރި މީހުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް މިއީ."
ރައީސް ވިދާޅުވީ އެ މަޖިލިސްތައް އެކުލަވާލުމަށް އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުންމީދަކީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަޖިލިސް އެކުލަވައިލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.