ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ. 

އެމްއެންޑީއެފުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ މި ދުވަސްވަރު އާންމު ގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޯސްޓްގާޑުގެ އިލްތިމާސްތައް

  • ދަތުރުކުރާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުން
  • ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުން
  • މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުން
  • ދަތުރުކުރާ މީހުން ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވުން
  • ޑައިވިން އާއި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުން
  • މެޓް އޮފީހުން ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނިކޮށް ދަތުރުތައް ނުކުރުން

ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް، ހެނދުނު 11:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި އާންމު ގޮތެއްގައި ވައިޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. 

މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މި ކުރާ ވިއްސާރައިގެ ތެރެއިން މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ މިއަދު ކަމަށެވެ. 

އެ ބަޔާނުގައި ބުނި ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. 

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.