އެމްޑީޕީން ދުވަހަކު ވެސް އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި ތާއަބަދު މަސައްކަތް ކުރަމުންދާ ފަލަސްތީނު ރައްޔިތުންނާ އެކީގައި،" އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ތާއީދު އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރާއްޖޭގެ އެކި މައްސަލަތަކާ މެދު ވާހަކަފުޅު ދައްކަވައިފަ އެވެ.
ޑޮލަރުގެ އަގު އިންތިހާ އަށް މައްޗަށް އުފުލިފައިވާ މައްސަލާގައި އެ މަނިކުފާނު ވިދާޅުވީ، އޭގެ އެއް ސަބަބަކީ އެއްވެސް ގޮތަކަށް ބޭރުގެ އެހީތެރިކަމާ އެކު ވެސް ސަރުކާރަށް "ޑޮލަރު ނުހޯދުން" ކަމަށެވެ. އަދި ދަރަނި ދެއްކުމުގައި ވެސް ގެންގުޅޭ އުސޫލަށް ނަޝީދު ފާޑުވިދާޅުވި އެވެ.
"އާންމު އުސޫލަކީ ގައުމުތައް ނުވަތަ ވަކި ފަރުދެއް ނަމަވެސް ދެރީމާ އެ ދަރަނި އަނބުރާ ނުދެއްކުނީމާ ގޮސް ބޭންކުގައި ބުނަނީ ތިމަންނާއަކަށް މިއަދު ދެއްކޭކަށް ނެތޭ އަދި ވަގުތު ބޭނުމޭ. ދަރަނި ވީ ރީސްޓްރަކްޗާ ކުރަން، މި ބޭފުޅުންނަކަށް މިހެން ހަދާކަށް ނޭނގުނު. އެނގިވަޑައެއް ނުގެންނެވި،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ބޭރުގެ ދަރަނި ދެއްކީ "ހުރިއްޔާ ހުރި ޑޮލަރެއް ބޭރަށް ދައްކައިގެން" ނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުން ކުރީގެ ސަރުކާރުތަކުގެ ދަރަނިތައް ދައްކައި ހަލާސްކުރީ އިތުރަށް ދަރަނި ނުނަގައި ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 891 މިލިއަން ޑޮލަރު އަޅުގަނޑުމެން މިހާރު ދައްކައިިފިން. ރައީސް ޔާމީނު ސަރުކާރުގައި ނެގި ދަރަނިތަކުގެ ތެރެއިން 195 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ. ރައީސް ނަޝީދާއި ރައީސް ވަހީދުގެ ދެ ސަރުކާރު އެއްކޮށް އެ ފަސް އަހަރު ތެރޭގައި ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 62.5 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ، ހަމަ އެގޮތަށް ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 38.1 މިލިއަން ޑޮލަރު، މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ" މިދިޔަ ޖޫން 14 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ނަޝީދު ރޭ ވިދާޅުވީ މި ސަރުކާރުން ދަރަނި ދައްކަން މި އަހަރުގެ މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދަރަނި އަނބުރާ ދައްކަން ހޭދަކޮށްފައިވާ ކަމަށެވެ.
"ދެން ރާއްޖޭގައި ހުންނާނީ ކޯޗެއްތޯ؟ ރާއްޖެއަކު ނެތް ޑޮލަރެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ރޭގެ ޖަލްސާގައި ވަނީ ޑޮލަރުގެ އަގު އުފުލެމުންދާތީ ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ވަރު އެމްޑީޕީން އަބަދުވެސް ބަލަމުންދާ ކަމަށާއި އަގުތައް ހުރީ ތަހައްމަލު ކުރެވޭ ވަރަށް ވުރެ މަތީގައި ކަމަށެވެ.
"މިހާރަކު ގަބޫލެއް ނުކުރެވޭ އެމްއެމްއޭއިންނާއި ފިނޭންސް މިނިސްޓްރީން އިންފްލޭޝަންގެ ގޮތުގައި އެ ވިދާޅުވާ ވާހަކަތަކެއް. އަޅުގަނޑުމެން ފިހާރަފިހާރައިން ތަކެތީގެ އަގު އޮޅުންފިލުވީމާ އެ ނުކުންނަ ޖަވާބާއި އެ ބޭފުޅުން އެ ވިދާޅުވާ އެއްޗަކާ މި އޮންނަނީ ވަރަށް ބޮޑަށް ފަރަގުވެފައި،" ނަޝީދު ވިދާޅުވި އެވެ.