ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވާ ހަލީލުއްރަހްމާން މިކަން ހާމަކުރެއްވީ މިއަދު ލޮނުޒިޔާރަތް ބަގީޗާގައި ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތެއްގަ އެވެ. 

ހަލީލުއްރަހްމާން ވަނީ ރަމްޒީ ގޮތުން މި ގަސްތައް ހަދިޔާކުރެއްވުމުގެ ގޮތުން މިއަދުގެ ރަސްމިއްޔާތުގައި 10 ގަސް ހަވާލުކޮށްފަ އެވެ. 

އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން އިތުރު 20،000 ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ގަސް އިންދުމުގެ ރަސްމިއްޔާތުގައި ބަންގަލްދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
ގަސް އިންދުމުގެ ރަސްމިއްޔާތުގައި ބަންގަލްދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

އެއީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ދެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި  ހަލީލުއްރަހްމާން ފާހަގަކުރެއްވި އެވެ.

ބަންގްލަދޭޝް ސަރުކާރުގެ މި އެހީއަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އަލީ ޝަރީފް ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރަށާއި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ގަސް ހަދިޔާކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މޫސުމީ ރައްކާތެރިކަމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް އޮތް އަޒުމް ހާމަކޮށްދޭ ކަމެއްކަން ވެސް ދެ މިނިސްޓަރުން ފާހަގަކުރެއްވި އެވެ.