ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަށްރަށުގައި ހިނގަމުންދާ އަސާސީ ގިނަ މަޝްރޫއުތައް ނިމި، ތަރައްގީގެ ތަސައްވުރުގެ ބޮޑު ބައެއް ހާސިލު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތަސައްވުރެއް ހާމަކުރައްވައިފަ އެވެ. އެ ތަސައްވުރުގައިވާ ގޮތުން 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު، ރަށްރަށުގެ ގިނަ މަޝްރޫއުތަކެއް ހުންނާނީ ނިމިފަ އެވެ.
ރައީސް ވިދާޅުވި ގޮތުން ދެ އަހަރު ފަހުން މިނިވަން ދުވަސް އަންނައިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފަ އެވެ. ކުނިކޮށި ގާއިމުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ހުންނާނީ ހަދައިފަ އެވެ.
"...ކުޑަކުދިންގެ ޕާކުތައް ހެދިފައި. އޭޓީއެމްތައް ހެދިފައި. ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރެވިފައި. ލެބޯރެޓަރީ ހިމެނޭހެން، ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ވަރުގަދަކުރެވިފައި. ސްކޫލް އިންފްރާސްޓްރަކްޗާ އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ހިމެނޭގޮތަށް ވަރުގަދަކުރެވިފައި. ގުރްއާނާބެހޭ މަރުކަޒުތައް ގާއިމުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
އެ ލިސްޓު ކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފުޓްސަލް ނުވަތަ ފުޓްބޯޅަ ދަނޑުތައް ގާއިމްކޮށް ކަރަންޓާއި ކޭބަލް އަދި ޖެންސެޓް ފަދަ ކަރަންޓާ ގުޅޭ ހުރިހާ ކަންކަން ހުރިހާ ރަށެއްގައި 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭނެ ކަމަށެވެ.
އެ ތާރީހު އަންނައިރު ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮވިއްކާ ޝެޑުތައް ހުންނާނެ ކަމާއި ކޮންމެ އަތޮޅެއްގައި 30 މިނިޓުން ދެވޭ ހިސާބުގައި އިތުރު އެއާޕޯޓުތައް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ އަތޮޅެއްގައި ސިއްހީ ނިޒާމުގެ ތެރެއިން ސީޓީ ސްކޭނާއި ޑައަލިސިސް އާއި ޕެޕްސްމިއާ އާއި، މެމޮގްރަފީ އާއި ބްލަޑް ބޭންކާއި ތެލެސީމިއާ ހިދުމަތް ލިބޭނެ ކަމަށެވެ.
"މާލޭގައި މިހިރަ ކަހަލަ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރެވިފައި ހުންނާނެ. އެމްއެންޔޫ އާއި އައިޔޫއެމްގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ ހުޅުވިފައި ހުންނާނެ. ކޮންމެ އަތޮޅެއްގައި އިސްލާމިކް ސެންޓަރުތައް ހުޅުވިފައި ހުންނާނެ. ކޮންމެ އަތޮޅެއްގައި ބޯހިޔާވަހިކަން ގާއިމުކޮށްދީފައި ހުންނާނެ އިރާދަކުރެއްވިއްޔާ، 2028 ވަނަ އަހަރުގެ ޖުލައި 26 އަންނައިރުގައި،" ރައީސް ވިދާޅުވި އެވެ.
މަދުވެގެން 100 ރަށުގައި ކައުންސިލް އިމާރާތް ނިންމައި ހަވާލުކޮށް އަދި ކަރަންޓަށް ކުރާ ހަރަދު، މަދުވެގެން 33 ޕަސެންޓަށް ރިނިއުބަލް އެނާޖީއަށް ޖުލައި 26، 2028 އަންނައިރު ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން ފަސް މިލިއަން ގަސް އިންދައި ހުންނާނީ ނިމިފައި. އިރާދަކުރެއްވިއްޔާ މޯލްޑިވްސް 2.0 އޭގެ ފުރިހަމަ މާނައިގައި ހުންނާނީ ތަންފީޒު ކުރަން ފެށިފައި. ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ 10 ރިޒޯޓު ގާއިމުކުރުމުގެ މަޝްރޫއު ބޮޑުތަނުން އޮންނާނީ ކުރިއަށްގޮސްފައި،" ރައީސް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލެ ހޮސްޕިޓަލާއި މާލޭގެ މަގު ހެދުމުގެ މަޝްރޫއު ވަރަށް ބޮޑަށް ކުރިއަށް ގެންދާނެ ކަމަށާއި އިންޑިޔާ ސަރުކާރުގެ ލޯނު އެހީގައި ހިނގާ ތިލަމާލެ ބްރިޖު ވެސް އޮންނާނީ ހުޅުވިފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުރިން ދެންނެވި ގޮތަށް، މާލޭގެ ޕޯޓު ބަދަލުކުރެވިފައި. މާލޭގެ އެކި ތަންތާނގައި ޕާކިން ބިލްޑިންތައް އިރާދަކުރެއްވިއްޔާ ހުޅުވާނަން. މާލޭގެ އެކި ތަންތަނުގައި އެކިއެކި ކުޅިވަރުގެ އިންޓްރެސްޓް ހުރި ފަރާތްތަކަށް އެކި ސްޓޭޑިއަމްތައް ގާއިމުކޮށް ހުޅުވިފައި ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ކުރާނެ ކަންކަމެވެ.
"އާދެ، މި ހުރިހާ ކަމެއް ގާއިމުކުރެވި، އިރާދަކުރެއްވިއްޔާ 2040އާ ހަމައަށް ދާއިރު، ތަރައްގީ ވެފައިވާ ގައުމަކަށް މި ރާއްޖެ ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ހާސިލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.