އެއްމާބަނޑު ދެ އަންހެން ޑޮކްޓަރުން، ސުޕަ ސްޕެޝަލިސްޓުންގެ ގޮތުގައި ރާއްޖޭގައި މުޅިން އަލަށް ދާއިރާއިން ހާއްސަވެ ހިދުމަތް ފައްޓަވައިފި އެވެ. 

އެއްމާބަނޑު ދެބެއިން އަދި ހާއްސަވި ދާއިރާގައި ވެސް ރާއްޖޭގައި މުޅިން އަލަށް ހިދުމަތާ ގުޅިވަޑައިގެން ތާރީހުން ޖާގަ ހޯއްދެވީ ގދ. ތިނަދުއަށް އުފަން ޑރ. އަލްތާފު އަދުނާން އިސްމާއިލް އާއި ޑރ. އަލްމާސް އަދުނާން އިސްމާއިލް އެވެ.

ޑރ. އަލްތާފު ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވެގެންނެވެ. އަދި ޑރ. އަލްމާސް ހާއްސަވެވަޑައިގަތީ ގްލޯކޯމާއިންނެވެ.

މެޑިސިން ނިންމެވުމަށް ފަހު އަލްތާފް 2015 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވީ މެޑިކަލް އޮފިސަރަކަށެވެ. އޭގެ ފަހުން ނޭޕާލުން ސާޖަރީއަށް ހާއްސަވެ 2020 ވަނަ އަހަރު އޭނާ ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި 2021 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އަލްތާފް ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އިންޑިއާއިންނެވެ. 

ލޮލަށް އާއްމުކޮށް ޖެހޭ ގުލޯކޯމާ ބަލިތަކުގެ ސަބް-ސްޕެޝަލިޓީ އަލްމާސް ފުރިހަމަކުރެއްވީ ބަންގްލަދޭޝް އިންނެވެ. އޭނާ ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވައިފަ އެވެ.

އެ ދެ ޑޮކްޓަރުން ވެސް ސަބް-ސްޕެޝަލިޓީ ފުރިހަމަކުރައްވައި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވަނީ މަސައްކަތްކުރައްވަން ފައްޓަވައިފަ އެވެ.