މާލީ ބަޔާނާ ގުޅިގެން ތިން ޕާޓީއެއް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.
އެ ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު"އަށް މިއަދު ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ޖޫރިމަނާކުރީ މުއްދަތަށް ފަހު މާލީ ބަޔާން ހުށަހެޅުމުން ކަމަށެވެ. އަދާލަތު އަދި އެމްއެންޕީ ޖޫރިމަނާކުރަން ނިންމީ އެ ބަޔާން ހުށަނޭޅުމުންނެވެ.
މި މަހުގެ ފުރަތަމަ ހަފުތާގައި އެ ތިން ޕާޓީ ވެސް ޖޫރިމަނާކުރީ ބައި ލައްކަ ރުފިޔާއިންނެވެ.
އަހަރެއް ނިމުމުން، ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އޭގެ ކުރީ އަހަރުގެ އަހަރީ ރިޕޯޓާއެކު މާލީ ބަޔާން ވެސް ހުށަހަޅަންޖެހެ އެވެ.
އެއާ އެއްގޮތަށް އަމަލުނުކުރުމުން މީގެ ކުރިން ވެސް އީސީން ވަނީ ޕާޓީތަކެއް ޖޫރިމަނާކޮށްފަ އެވެ.