ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރުމަށް ފަހު، ދަރިވަރުން ގެއަށްދާ ގޮތަށް އެތައް އިރެއް ވަންދެން ޓިއުޝަނުގައި ހޭދަކުރާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ހެނދުނު ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް އުނގެނުމަށް ވަރަށް ބޮޑަށް އަމިއްލަ އަށް ޒިންމާވާން ޖެހިފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާއާ މެދު ފަހުރުވެރިވާއިރު އެ ކުދިންގެ ނަތީޖާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތަކާ މެދު ވިސްނަންޖެހޭ ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ދަރިވަރުންގެ ނަތީޖާ މިހާރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

"ނަތީޖާތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވާ ހިނދުގައި އަޅުގަނޑުމެން ހަމަ ހިތަށް ގެންނަންޖެހޭ މިއީތޯ ހަމަ އަޅުގަނޑުމެންނަށް ނަތީޖާ ހާސިލުވާނެ މިންވަރަކީ؟ އަޅުގަނޑު ގަބޫލުކުރާ ހިތުން މިހާރު މި ހޯދާ ނަތީޖާ އަށް ވުރެ އެންމެން ގުޅިގެން  މަސައްކަތްކޮށްފި ނަމަ، މާރަނގަޅު ނަތީޖާއެއް ހޯދިދާނެ،" އޭނާ ވިދާޅުވި އެވެ.

އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާގައި އެވޯޑު ލިބުނު ދަރިވަރުންތަކެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާގައި އެވޯޑު ލިބުނު ދަރިވަރުންތަކެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ނަތީޖާ އަށް ވާސިލުވުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު އިސްމާއިލް ފާހަގަކުރެއްވީ ދަރިވަރުން މިހާރަށް ވުރެ ބޮޑަށް އެ ކުދިންގެ އުނގެނުމަށް ޒިންމާކުރުވުމެވެ. މާއްދާތަކަށް ކުދިންގެ ޝައުގުވެރިކަން އިތުރުކޮށް، އަމިއްލަ އަށް މައުލޫމާތު ހޯދައި، ބަލައި އެކަމާ މެދު ވިސްނައި އުނގެނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކުދިންގެ އުނގެނުމުގެ އުކުޅުތައް ތަރައްގީވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"މިކަން ކުރުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ދަރިވަރުން މިހާރަށް ވުރެ ބޮޑަށް އެ ކުދިންގެ އުނގެނުމަށް އެބަ ޒިންމާވާންޖެހެއޭ. ޝައުގުވެރިކަން އިތުރުވާންއެބަޖެހެއޭ. ހަގީގަތުގައި ވެސް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ، އަމިއްލަ އުނގެނުމަށް ޒިންމާ ނަގާ ކަމަށް ވަނީ ނަމަ އެ ކުދިންގެ ވިސްނުމާއި އެ ކުދިންގެ ފިލާވަޅު އުނގެނުމަށް ބޭނުންވާ އެކިއެކި އުކުޅުތައް ތަރައްގީވެގެންދާ ކަމެއް،"

މިނިސްޓަރު ވިދާޅުވީ އިލްމީ ދިރާސާތަކުން ވެސް ފާހަގަވަނީ އަމިއްލައަށް އުނގެނުމަށް ޒިންމާދާރުވެ، ކަންކަން ހޯދައި ބަލާ ކުދިންނަކީ އުނގެނުމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑުވާ ކުދިން ކަމަށެވެ. 

"މިއީ އަޅުގަނޑު ހިތުން އެހެންވީމަ ހުރިހާ ލެވެލްއެއްގައިވެސް ބާރު އަޅަންޖެހޭ ކަމެއް." 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޓިއުޝަނުގެ ސަގާފަތް އޮތީ ވަރަށް ބޮޑަށް ހަރުލާފައި ކަމަށާއި ދަރިވަރުން ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރުމަށް ފަހު ގެއަށް ގޮސް، ހަތަރެއް ނުވަތަ ހަ ގަޑިއިރު ހޭދަކުރަނީ ޓިއުޝަނުގައި ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރަކު އެވޯޑާ ހަވާލުވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރަކު އެވޯޑާ ހަވާލުވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެގޮތަށް ޓިއުޝަނަށް ގޮސް ކިޔަވާ ކުދިންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގޭތެރޭގެ ވަގުތުތައް އެފަދަ ގޮތަކަށް ހޭދަކުރުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އެއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަކަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު އިސްމާއިލް ވިދާޅުވީ ހުސް ވަގުތުތަކުގައި ކުޅިވަރުތަކުގައި ޝާމިލުވެ އުޅުމާއި އެ ކުދިން ހިތް އުފާވާނެ ކަންކަން ކުރުމާއި ވަގުތު މެނޭޖްކުރުން ފަދަ ކަންކަމަށް ވެސް ބާރު އަޅަންވާނެ ކަމަށެވެ. 

"ވަރަށް ބޮޑަށް މިއޮތީ ޓިއުޝަނުގެ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި، ދަރިވަރު ހަ ގަޑިއިރު ވަންދެން މަދަރުސާގައި ސްކޫލުގައި ހޭދަކޮށްފައި ގެއަށް މިދަނީ. ގެއަށް ދިއުމަށް ފަހުގައި ވެސް ވަރަށް ގިނަ ކުދިން ގޭގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދޭތެރޭގެ ވަގުތެއް އެބަ ހޭދަކުރޭ ޓިއުޝަނުގައި،" ކަންބޮޑުވުމާ އެކު އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުން ބޭރުން ވެސް ދަރިވަރުން އެހީތެރިކަން ބޭނުންވާނެ އެވެ، އެކަމަކު އެ އެހީތެރިކަން ދޭންވާނީ ސްކޫލުގައި އުނގެނޭ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ. 

އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ޖަލްސާގައި އިނާމު ލިބޭ ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޯލެވެލް އިމްތިހާނުގެ 2025 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ޖަލްސާގައި އިނާމު ލިބޭ ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ދަރިވަރުންނަށް ސްކޫލުން ބޭރުން މަަދަރުސާއިން ބޭރުން ވެސް އެހީތެރިުކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭނެ ގޮތަކަށް. ކުދިންނަށް ވިސްނައިދޭން ޖެހޭ އެބަ ސްކޫލު މަދަރުސާގައި ކްލާހުގައި ކިޔަވައިދޭ ފިލާވަޅަށް ބޮޑަށް ސަމާލުކަންދޭން." 

އެހެންވެ، މިިނިސްޓަރު ބާރު އެޅުއްވީ އުނގެނުމުގައި އަމިއްލައަށް ޒިންމާދާރުވުމަށެވެ. އުނގެނުމުގައި އަމިއްލައަށް އިސްނަގާ ދަރިވަރުންނަކީ ކަންކަން ބަލައިގެން ދަސްކުރާ ދަރިވަރުން ކަމަށާއި އެފަދަ ކުދިންގެ ސިކުނޑީގައި ކަންކަން ހަރުލާފައި ހުންނަ މިންވަރު 75 ޕަސެންޓަށް އަރާ ކަމަށާއި މީހުންނަށް ބަރޯސާވާ ނަމަ އެކުދިންގެ ހިތުގައި ކަންކަން ހަރުލާފައި ހުންނަ މިންވަރު ދަށް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވިދާޅުވި އެވެ. 

ބެލެނިވެރިނާއި ދަރިވަރުން ވެސް އެކަމަށް ވިސްނުމަށް އިލްތިމާސްކުރައްވާ މިނިސްޓަރު ވިދާޅުވީ އެހެން ނޫން ނަމަ، ޓިއުޝަނުގެ ސަގާފަތް ވަރުގަދަވެދާނެ ކަމަށެވެ.