ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ރަށްވެހިކަން އެ ފްލެޓަށް ބަދަލު ކުރުމަށްޓަކައި، އެކަމަށް އެދި ހުށަހަޅާފައިވާ މީހުންގެ މައުލޫމާތު އެފްޑީސީން މާލޭ ސިޓީ ކައުންސިލަށް ފޮނުވައިފި އެވެ.

ހުޅުމާލޭގެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓްގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން އެ ފްލެޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާތަނަށް ލަސްވީ އެފްޑީސީ އާއި މާލޭ ސިޓީ ކައުންސިލުގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. 

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ކުރިން ވިދާޅުވެފައިވާ ގޮތުގައި ފަހި ފްލެޓަށް ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް އެދި އެތައް ބަޔަކު ކައުންސިލަށް ފޯމް ހުށަހަޅާފައިވާއިރު އެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި، ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓެއް ފޮނުވުމަށް އެފްޑީސީގައި އެދިފައިވެ އެވެ. އެހެންނަމަވެސް އެތައް ދުވަހެއްވީއިރު ވެސް އެ ސިޓީއަށް ޖަވާބުލިބިފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

އޭރު އެ މައްސަލާގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ ރަށްވެހިކަން ބަދަލުކުރަން ފްލެޓް ލިސްޓު ބޭނުން ނުވާނެ ކަމަށެވެ. އަދި އެފްޑީސީގެ ޕޯޓަލްއިން ދޫކުރާ ލިޔުމުން އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

އެކަމަކު ޒާޔާ މިއަދު ވިދާޅުވެފައިވާ ގޮތުގައި އެފްޑީސީގެ ފްލެޓް ރެޖިސްޓްރޭޝަން ކަންތައް އަވަސް ކުރުމާމެދު މަޝްވަރާކުރަން އެފްޑީސީއަށް ދާން ކައުންސިލުން ނިންމާފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައި އެފްޑީސީން ވަނީ އެ މައުލޫމާތު ދީފަ އެވެ. 

ޒާޔާ ވިދާޅުވީ މިހާތަނަށް ރެޖިސްޓްރީވުމަށް އެދި އެ އިދާރާގެ ޕޯޓަލް އަށް ހުށަހެޅި ސިޓީތަކުގެ ތަފްސީލް ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެފްޑީސީން ފޮނުވި ލިސްޓުގައި ތިބީ 613 މީހުން ކަމަށާއި އެ މީހުންގެ ރަށްވެހިކަން ބަދަލު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އިއްޔެ އެފްޑީސީން ލިސްޓް ލިބުމާ އެކު އެ ލިސްޓްގައި ތިބި 613 މީހުންގެ ރެޖިސްޓްރޭޝަން ކަންތައް މި ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަކަށް ރެޖިސްޓްރޭޝަން ކަންތައް ނިންމައިދޭނެ ކަމުގެ ޔަގީންކަން ތި ފަރާތްތަކަށް އަރުވަން،"

ޒާޔާ ވިދާޅުވި ގޮތުގައި ކިއުއާރު ކޯޑުން ސިޓީތައް ސްކޭންކޮށް މައުލޫމާތުތައް ބަލައި ރަށްވެހިކަން ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އޭގެ ތެރެއިން އެކަކަށް ރަށްވެހިކަމުގެ ރަޖިސްޓްރީ ހަދައި ހަވާލުކޮށްފައިވާ ކަމަށް ޒާޔާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރަށްރަށުން ބަދަލުވާ މީހުންގެ ސިޓީތައް ރަށު ކައުންސިލްތަކަށް ފޮނުވާފައިވާ ކަމަށާއި އަދި އެރަށެއްގެ ރަށްވެހިކަމުން އެމީހުން ވަކިކޮށް، ފޮނުވުމުން އެމީހުންގެ ރެޖިސްޓްރޭޝަން ވެސް ނިންމައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރިން ހަމްދާން ވިދާޅުވެފައިވަނީ ރަޖިސްޓްރީ ބަދަލު ކުރުމުގައި އެފްޑީސީގެ 4،000 ފްލެޓާއި މާލޭގެ ގޯތިތަކާ ތަފާތެއް ނުވާނެ ކަމަށެވެ. އަދި ގެއެއްގެ ރަޖިސްޓްރީގައި މީހަކު ޖައްސާފައިނަމަ، ބޭނުންވަނީ ވެރިފަރާތުގެ ސިޓީއެއް ކަމަށް ވިދާޅުވި އެވެ. 

"މާލޭގައި ވެސް ނޫނީ ހުޅުމާލޭގައި އެހެން ގެއެއްގައި ވެސް ވެރިފަރާތް ނޫން އެހެން ފަރާތެއް އެ ގެއެއްގެ ރަށްވެހިކަން ޖައްސަންޏާ ބޭނުންވާނީ އެ ގެއެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ސިޓީއެއް. ހަމަ މިހާރު ވެސް މާލޭގެ އެހެން ހުރިހާ ގޯއްޗެއްގައި އެކަން ކުރާ ގޮތަށް މާވެހި ޕޯޓަލުން އެކަން ކުރެވޭނެ،" ހަމްދާން ވިދާޅުވި އެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓަށް މީހުންގެ ރަށްވެހިކަން ބަދަލުކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ހައުސިން މިނިސްޓްރީން ވެސް ސިޓީ ފޮނުވާފައިވާ ކަަމަށެވެ. އެހެންވެ، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އެ ލިޔުން ހޯދުމަށް އެދި ހުށަހެޅުމުން ލިޔުން ދޫކުރާ ކަމަށާއި އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުކުރުމަށް ކިއުއާރު ކޯޑެއް ވެސް ލިޔުމުގައި ހިމެނޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.  

އެ ސަބަބާ ހުރެ ރަށްވެހިކަން ބަދަލުކުރުމަށް ފްލެޓު ލިސްޓު ހޯދަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.