އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމަށް ބުނެ އެވެ. އެގޮތުން މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.
އެ ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ކަނޑައެޅި އެވެ. އަދި މިއަދު އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް ވަނީ ބާއްވައިފަ އެވެ.
އެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށްލުމަށެވެ. އެއީ އޭނާ ހިންގި އަމަލުގެ ސަބަބުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މީހެއްގެ ފުރާނަ ގެއްލި އަދި މައުސޫމް ކުޑަކުއްޖަކު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
މާވިންގެ މައްޗަށް އުފުލި އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އަދި އޭނާގެ ފަރާތުން މިއަދު ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ މާވިންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އޭގެ ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސް ވަނީ ވެފަ އެވެ. އެހެންކަމުން ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.
މެރީގެ މަރާ ގުޅިގެން މާވިން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު އޭނާ ފަހުން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ.
އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެގޮތުން ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، އޭނާގެ މައްޗަށް މިއަދު އަދަބު ކަނޑައަޅަން ވަނީ ހަމަޖެހިފަ އެވެ.