ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަންނަން ޖެހޭ ކަމަށް ކަނޑައަޅައި ހައި ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެވެ.
ނަމަވެސް އަލުން މައްސަލަ ބެލުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ދަށު ކޯޓަށް ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ އަންގައިފަ އެވެ. ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި އެވެ.
ދައުލަތުން އާ ހެކި ހުށަހެޅީ ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ ހެކިތައް އޭރު ކްރިމިނަލް ކޯޓުން ބަލައިގަތެވެ. ނަމަވެސް، މައްސަލާގެ އިސްތިއުނާފުގައި ހައި ކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ މައްސަލަތަކުގައި ވަސީލަތްތަކާއި ބާރުވެރިކަމާ އެކު ދައުލަތުން ދައުވާ ކުރަނީ އަމިއްލަ ފަރުދުންނާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމުގެ ޒިންމާ ވެސް އޮންނަނީ ދައުލަތުގެ މައްޗަށް ކަމަށެވެ.
ދައުލަތުން މައްސަލަތަކުގައި ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތަކުން ފަރުވާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ޝަރީއަތް ހިންގުމުގެ ހަމަހަމަކަމާ ވެސް ދުރު ކަމެއް ކަން ހުކުމްގައި ފާހަގަކޮށްފަ އެވެ. އަދި އާ ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުގައި ފާހަގަ ނުކުރާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތް ކަމަކަށް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ފަނޑިޔާރު އައިޝާ ސުޖޫން އިއްވެވި ހުކުމްގައި ބުންޏެވެ.
އެހެންވެ، ސުޕްރީމް ކޯޓުން ކަނޑައެޅީ ކްރިމިނަލް ކޯޓުން އާ ހެކިތައް ބަލައިގެންފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅި ހުކުމަށް ތާއިދުކުރާށެވެ. ފަނޑިޔާރުގެ ސުޖޫންގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ތާއިދު ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައި ގޮތުން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބަލާއިރު އާ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ ހައި ކޯޓުގައި ވެސް އެބައޮތެވެ.