ލ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެންމެ އެއާޕޯޓެއް އޮންނަ ލ. އަތޮޅުގައި ދެ ވަނަ އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ އެއާޕޯޓް އަޅާނެ ވަކި ރަށެއް މިހާތަނަށް އޮތީ ކަނޑަނާޅަ އެވެ. 

އެއާޕޯޓް އަޅާނެ ރަށެއްގެ ގޮތުގައި އަތޮޅުގެ އެކި ރަށްތަކުން ޑިމާންޑްތައް ވެސް ކުރަމުންދިޔަ އެވެ. އެގޮތުން، ލ. މާވަށް ކައިރީގައި އަދި ލ. މެންދޫގައި އަޅަން ހުށަހެޅުންތައް ސަރުކާރަށް ލިބިފައިވެ އެވެ. 

އެ ޑިމާންޑްތަކާ އެކު ރައީސް ވިދާޅުވެފައިވަނީ އެއާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ހިސާބެއްގައި އެއާޕޯޓެއް އެޅުން ކަމަށެވެ. 

ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯއެއްގައިވާ ގޮތުން ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނީ ބިމުގެ ގޮތުން ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ހިމެނޭ އިސްދޫ-ކަލައިދޫގަ އެވެ. އެއީ އަތޮޅުގެ އެންމެ އުތުރަށް އޮންނަ ރަށެވެ.

މިކަމާ ގުޅިގެން މާވަށުގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ރަށް ކައިރީގައި އެއާޕޯޓް އެޅުމަށް ޑިމާންޑްކޮށް އިޖުތިޖާޖު ވެސް ކޮށްފައިވެ އެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވައުދުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅަން ކަމަށާއި އެ އެއާޕޯޓް އަޅާނީ އިސްދޫ-ކަލައިދޫގަ ކަމަށެވެ. 

"އިތުރު އެއާޕޯޓެއް އަޅާ ގޮތަކަށް ނޫން އޮތީކީ،" ރައީސް ވިދާޅުވި އެވެ. 

މާވަށް ކައިރީގައި ބައެެއް ރިސޯޓްތަކާއި ރިސޯޓް ތަރައްގީ ކުރެވޭނެ ފަޅު ރަށްތައް ހުރިއިރު އެ ރަށުން ލ. ކައްދޫގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓަށް ދިޔުމަށް 40 ވަރަކަށް މިނެޓްގެ ދަތުރެއް ކުރަންޖެހެ އެވެ. އިސްދޫ-ކަލައިދޫ އެއާޕޯޓާ އެކު ވެސް މާވަށުގެ ރައްޔިތުންނަށް ކަނޑުދަތުރުފަތުރަށް ލުޔެއް ނުލިބެ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އިސްދޫ-ކަލައިދޫއަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެކެވެ. ރަށަށް ބޭނުން ވަނީ ފުރިހަމަ އިގުތިސޯދެއް ބިނާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށާއި އަދި ވަށައިގެން އޮތް ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ޓޫރިޒަމުން މަންފާ ހޯދައިދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އިސްދޫ-ކަލައިދޫ އިން ލ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް ކައްދޫއަށް ދާން 40 މިނެޓްގެ ދަތުރެއް ކުރަންޖެހެ އެވެ. މި އެއާޕޯޓްގެ ސަބަބުން ދަނބިދޫ އާއި މާބައިދޫގެ ރައްޔިތުންނަށް ވެސް ބޮޑު ލިޔެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.