މާލޭގެ މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ބަޔަކު ވެއްޓުނު މައްސަލާގައި އިހުމާލުވި ކުންފުނި 5،000ރ. އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މަޖީދީ މަގުގެ ޕޮއިސް ޕާފިއުމް ހުންނަ އިމާރާތުގެ ފުރަތަމަ ފްލޯ އިން ދެ މީހަކު ވެއްޓުނީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތްކުރަނިކޮށް ކަމަށާއި އެ މައްސަލާގައި ޖޫރިމަނާކުރީ އިހުމާލުވި "ބީޓްރެކްސް ޑްރީމް" ކުންފުނި ކަމަށެވެ.

ކައުންސިލުން ބުނީ މިއީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުން އެޅި ފިޔަވަޅެއް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު މެންދުރު ހިނގި އެ ހާދިސާގައި ވަނީ، މަސައްކަތުގައި އުޅުނު އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގަލްދޭޝް ފިރިހެނަކަށް ވަނީ އަނިޔާވެފަ އެވެ. 


މިދިޔަ ހޮނިހިރު ދުވަހު ދެ ބިދޭސީއަކު ވެއްޓުނު އިމާރާތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުން ހަރަކާތްރެރިވަނީ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މިދިޔަ ހޮނިހިރު ދުވަހު ދެ ބިދޭސީއަކު ވެއްޓުނު އިމާރާތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުން ހަރަކާތްރެރިވަނީ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް


އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަކުން ދޫކޮށްލައިފަ އެވެ. ނަމަވެސް އަނެއް މީހާއަށް އަދިވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ވެސް އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.