ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކުރަން ފުލުހުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމުގައި ފުލުހުންނަށް ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުުހުންގެ 93 ވަނަ އަަހަރީ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން މޫލަމުން ގޮސްފައިވާ އެތައް އާދަތަކަކުން ގައުމު ސަލާމަތްކޮށް، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ މުއައްސަސާގެ ހިދުމަތްތެެރިން ކޮށްފައި ވަނީ ބުރަ މަސައްކަތެއް ކަމަށެވެ. ރަައްޔިތުންނާ ގާތުން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ކާމިޔާބީ ވަރަށް އުފަލާ އެކު ފާހަގަކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެެވެ.
ފުލުހުންނަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެ އިން ކޮންމެ ކަމަކީ މާނަ ހުރި ދާއިމީ ބަދަލެއް ގެނުވާ ކަންތައްތައް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ތިޔަ މަސައްކަތް ތިޔަ ގޮތުގައި ކުރައްވަމުން ގެންދަވާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ މުޖުތަމައު ވެގެންދާނީ ހަމަ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަަރަށް އަމާން ، ވަރަށް ރައްކާތެރި، ވަަރަށް ހަމަޖެހޭ މުޖުތަމައަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުންނަށް ދޭން ޖެހޭ ހުރިޙާ އެއްބާރުލުމެއް ސަރުކާރުން ދެމުން ގެންދާނެ ކަމަށާއި ފުލުހުންނަށް ބޭނުންވާ ތަމްރީނުތަކާއި ފުލުހުންނަށް އެކިއެކި ދާއިރާތަކުން ބޭނުންވާ ގާބިލުކަން އިތުރުކުރުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
"ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މީގެ ތެރޭގައި އަޅުގަނޑު ފާހަގަކުރަން، މި ގާނޫނު ބައްޓަން ވެފައި މި އޮތް ގޮތަށް ބަލާއިރުގައި މިދެންނެވި ފެންވަރުގައި މި ދެންނެވި ގޮތަށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުމަށް ހުރި ހުރަސްތައް އެބަހުރި. އެއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ބަދަލުތައް ފުލުހުންގެ މުއައްސަސާއިން މަޝްވަރާ ކުރައްވައި ތިޔަބޭފުޅުން ކުރައްވާ ދިރާސާތައް ކުރައްވައި ނިންމަވައި ހެއްދެވީމާ އެކަމަށް ދޭން ޖެހޭ އިޖާބަ ސަރުކާރުން ދޭނަން."
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ދޭން ގާނޫނަށް ގެންނަން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރާ ކޮންމެ ބަދަލެއް ގެންނަން ސަރުކާރުން އެއްބާރުލުން ދޭނެ އެވެ. ފުލުހުންގެ މުއައްސަސާ އަށް ހުރި އެހެން ހުރިހާ ހުރަސްތަކެއް ނައްތާލަން ވެސް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.