އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވާ  ބޮލަށް ހަމަލާދީގެން މަރާލި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ކުޑަކުއްޖެއްގެ ބަޔާން ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލާގައި އެރަށު ތިން މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެގޮތުން ނުރައްކާތެރި ހަތިޔާރަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެރަށު ފިޔަ، އަހުމަދު އާޝިދުގެ މައްޗަށް ކުރާއިރު، އެކަމުގައި ބައިވެރިވިކަމުގެ ދައުވާ ކުރަނީ އެރަށު ރަށު ލިލީފެހި، މުހައްމަދު ވިސާމާއި އެރަށު ފިނިވާގޭ އަހުމަދު ފާރިސްގެ މައްޗަށެވެ. 

އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފަ އެވެ. ދައުލަތުން އެދުނީ އެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުޑަކުއްޖެއްގެ ބަޔާން ރައްކާތެރިކުރުމުގެ އަމުރަކަށާއި އެ ކުއްޖާގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް އަދި މަރުވި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ހިމެނޭ ރިޕޯޓެއް ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހަވާލާދީ، އެ ކުއްޖާގެ ކަރާމާތް ރައްކާތެރިކުރަން އެ އަމުރު ނެރެފަ އެވެ. 

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ރިޕޯޓް ލިބިފައިނުވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އެ ރިޕޯޓް ނުނިމި އޮތް ނަމަވެސް، މިއަދު ދައުލަތުން ވަނީ ޑީއެންއޭ ތިން ރިޕޯޓެއް ކޯޓަށް ހުށަހަޅައިފަ އެވެ. 

ޑީއެންއޭ ރިޕޯޓްތައް ދިރާސާކުރުމަށްފަހު ދައުވާއާ މެދު ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށް ދިފާއީ ވަކީލް ޝައްޔާހު ހަލީލު ވަނީ އެދިފަ އެވެ. އެހެންވެ، ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ދައުވާއަށް ޖަވާބުދާރީވުން ފަސްކޮށްފަ އެވެ. 

ދައުލަތުން އެދިފައިވަނީ އާޝިދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު، ތިން މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށެވެ. އަދި ވިސާމާއި ފާރިސްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު ދެ މިލިއަން ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ދައުލަތުން އެދުނެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލި މައްސަލައިގެ ތުހުމަތަށް އެ ތިން މީހުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އަބްދުއްރަހްމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގޭގައި ނިދާފައި އޮއްވާ ދިން އެ ހަމަލަތަކާ ގުޅިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ހަމަލާދީފައި އޮއްވާ ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.

އަބްދުއްރަހުމާނަށް ހަމަލާދީފައި އޮއްވާ އެ ގެއަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ކޮޓަރީގެ ސީލިންގާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.