ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިން އަށް ގޮސް އުޅުނު މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވް ކޮށްފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ނިޝާނެއް މިހާތަނަށް ނުފެންނަ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މުންދު "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ސާޗު ޑައިވްކޮށްފައިވާ ކަމަށާއި އެ ޑައިވުގައި ކޭވް އެންޓްރެންސްއާ ހަމައަށް ގޮސް އެ ތަނުގައި ބެލޫންސް ލައި އަދި ކޭވް އެތެރެއަށް ވަދެ ވަކި ހިސާބަކަށް ދަތުރުކުރި ކަމަށެވެ.
"އެއީ ފުރަތަމަ ސާޗު. އެ ސާޗު ނިންމާފައި މިހާރު މައްޗަށް އަރައިފި. ދެން އަނެއްކާ ދެވަނަ ސާޗަކަށް މިހާރު ތައްޔާރުވަމުން އެ ދަނީ،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 45 މީޓަރުގެ ފުންމިން ކޭވްގެ އެންޓްރެންސްގައި އެބަ ހުރި ކަމަށެވެ. އަދި ސާޗު އޮޕަރޭޝަން ކުރިއަށް ގެންދާއިރު މޫސުން ވަރަށް ގޯސް ކަމަށާއި އޮއިވަރަށް ގަދަ ކަމަށް އެމްއެންޑީއެފާ ހަވާލާދީ މުންދު ވިދާޅުވި އެވެ.
"އެހާ ވެސް ފުނުގައި އެ އޮތީ. އަދިވެސް ވަރަށް މޫސުން ގޯސް ކަމަށް އެމްއެންޑީއެފުން ބުނަނީ،" އޭނާ ވިދާޅުވި އެވެ.
ރޭގައި ފެނުނު މީހާގެ ހަށިގަނޑު ފިޔަވައި މިހާތަނަށް އެއިން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އެ އޮޮޕަރޭޝަން ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
މުންދު ވިދާޅުވި ގޮތުގައި އެ އުޅަނދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް އެބައިންނެވި އެވެ. ސްރީ ލަންކާގައި ހުންނަވާ އެ ސަފީރު ރާއްޖެއަށް ވަޑައިގަތީ އެ ހާދިސާގައި އިޓަލީގެ ފަސް ޓޫރިސްޓުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށެވެ.
އަލިމަތާ ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޓޫރިސްޓުން ގެއްލިގެން އިއްޔެގެ މެންދުރުފަހު 1:45 ހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދަން ފެށި އެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި ފަސް މީހުން ވެސް ވަނީ މަރުވެފަ އެވެ.
"ސްކޫބާ ޑައިވިން ޓްރިޕެއްގައި ހިނގި އެކްސިޑެންޓެއްގައި އިޓަލީގެ ފަސް މީހަކު ދިވެހިރާއްޖޭގެ، ވ. އަތޮޅުގައި ވަނީ މަރުވެފައި،" އިޓަލީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ މީހުން މަރުވީ 50 މީޓަރު (164 ފޫޓް) ފުނުގައިވާ ކޭވްތަކެއް ބަލަން އުޅުމުގެ ތެރޭގަ އެވެ.
އެކަމަކު ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިންގައި ހުއްދަ އޮންނަނީ 30 މީޓަރާ ހަމަޔަށް (98 ފޫޓް) އަށް ފީނުމަށެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ މީހާގެ ހަށިގަނޑު އިއްޔެގެ އިރުއޮއްސި 6:13 ހާއިރު ފެނުނީ، މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސަފާރީގެ ޑައިވަރުންނަށެވެ. އޭނާގެ ހަށިގަނޑު ވަނީ އެ އަތޮޅު ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ.
"މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ." އެމްއެންޑީއެފްގެ ވެބްސައިޓުގައި ރޭ ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން ބުނީ އެއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު ރޭގައި އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.