ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މިއަދު މަރުވި އިޓަލީގެ ފަސް ޓޫރިސްޓުންގެ ތެރޭގައި ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ ކަމަށް އެ ޔުނިވަސިޓީން ބުނެފި އެވެ.
އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަނިކޮށް މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެކަމަކު އިޓަލީގެ ފޮރިން މިނިސްޓްރީން ވަނީ ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ބުނެފަ އެވެ.
މޮނިކާ މޮންޓެފަލްކޯން، 51، އަކީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ އިތުރުން، އިޓަލީގެ މަޝްހޫރު ޓީވީ ޝަހުސިއްޔަތެކެވެ. ކަނޑުގެ މާހައުލާ ބެހޭ ތަޖުރިބާކާރެއް އަދި އެ ދާއިރާގެ ދިރާސާވެރިއެއްގެ ގޮތުގައި އޭނާ ފާހަގަކޮށްލެވެ އެވެ. އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލްގެ އުމުރުން އަދި 20 އަހަރެވެ.
މި ހާދިސާގައި މަރުވި އަނެއް ތިން މީހުންނަކީ އިޓަލީގެ ޓޫރިންއަށް ނިސްބަތްވާ މިއުރިއަލް އޮޑެނީނޯ އާއި ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީގެ އިތުރުން ބޯގޯމަނޭރޯއަށް ނިސްބަތްވާ ފެޑެރިކޯ ގުއަލްޓިއޭރީ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މަރުވި ޕްރޮފެސަރަކީ ކަނޑުގެ މާހައުލަށް ވަރަށް ލޯބިކުރި މަޝްހޫރުވެފައިވާ މީހެކެވެ. މީގެ އިތުރުން، އޭނާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭ މުހިންމު މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ވ. އަތޮޅުގައި ޑައިވިންނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނުނު މީހާ މަރުވެފައި އޮތީ 60 މީޓަރު އަޑީގައި ކޭވް އެއްގެ ތެރޭގަ އެވެ. އަނެއް ހަތަރު މީހުން ވެސް ވީ 200 ވަރަކަށް ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.