ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
މި ޚަބަރު ފުރަތަމަ ފުލުހުން ދިން އިރު، ފަސް މީހުން މަރުވެފައިވާ ކަމަށް ބުނި ނަމަވެސް މިހާރު ވަނީ އެއީ އޮޅުމަކުން ދެވުނު މައުލޫމާތެއް ކަމަށް ބުނެފަ އެވެ.
"މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުން" ކަމަށާއި މިހާތަނަށް ފެނުނީ އެންމެ މީހަކު ކަމަށް ފަހުން ވަނީ ބުނެފަ އެވެ.
މި ކުށަށް މާފަށް އެދެމުން ފުލުހުން ބުނީ ނުފެނިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަސް މީހުން ވެސް މަރުވެފައިވާ ކަމަށެވެ.
މި މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރު ފަހު 1:45 އެހާއިރު އެވެ.
އެނގިފައިވާ ގޮތުގައި "ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުން ކަމަށް ވަނީ އެނގިފަ އެވެ.
ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ މޫސުން ވެސް މިއަދު ގޯހެވެ. މެޓް އޮފީހުން މިހާރުވެސް އޮތީ އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވެދާނެ ކަމަށް ވެސް އެލާޓްގައި ބުނެފައިވެ އެވެ.