ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ހަރަކާތްތައް ހިންގަމުންދާ ކަަމަށް ތުހުމަތުކުރައްވައި އެފަދަ ޕާޓީތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ.

ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހުށަހެޅި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މުސްތަފާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ގިނަ ކަންތައްތަކެއް ޕާޓީތަކުން ކުރަމުންދާ ކަަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މަނާކޮށްފައިވާ ކަންތައްތައް ކަމަށްވާ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމާއި އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާހަކަދެއްކުން ފަދަ ކަންތައްތައް ޕާޓީތަކުން ކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ޕާޓީތަކުގެ ގާނޫނާ ހިލާފަށް އެކަން ކުރާ ކަމަށް ވަންޏާ އަަޅުގަނޑުމެން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓުއަމުރެއް ނެރެގެން، އެބަ ޖެހޭ މިޕާޓީތައް އުވާލަން ވެސް، ޕާޓީ އުވާލަން ޖެހޭ އިނގޭތޯ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޕާޓީތައް، މިއަދުން މިއަަދަށް އެބަ ޖެހޭ އުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ވައްދަން،" މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު ހުށަހެޅުއްވި ގަރާރުގައި ތުހުމަތު ކުރެެއްވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށެެވެ. އެގޮތަށް ތުހުމަތު ކުރައްވައި، ގަރާރުގައި އޭނާ ހުށަހެޅުއްވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުއެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ. 

އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ފަހަކަށް އައިސް ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގައި ޖަލްސާތައް ބާއްވާއިރު ވެސް ޕީއެންއެފްގެ ސަޕޯޓަރުން އެ ތަނަށް އެއްވެ އަޑުގަދަ ކުރާ މައްސަލަ ދަނީ ފާހަގަކުރަމުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޕީއެެންއެފުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އާއި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފުން އަމަލު ކުރާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.