ބީއެމްއެލް އިން މޯލްޑިވްސް އިމިގްރޭޝަނާ އެކު، އަލަށް ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަންގެ ތެރެއިން ކަސްޓަމަރުންގެ ދަތުރުފަތުރާ ގުޅޭ ޒާތީ މައުލޫމާތު ބޭންކާ ހިއްސާކުރާ ކަމަށް ވާހަކަ ދެއްކެވުނަސް އެކަން ހިނގަނީ އެހެން ނޫން ކަމަށާއި އެފަދަ މައުލޫމާތެއް ބޭންކަށް ނޭނގޭނެ ކަމަށް އެ ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގައި ހުންނަ މީހެއްގެ ބޭންކް ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައި ވާއިރު އެކަން ކުރަނީ އިމިގްރޭޝަނުން ކަސްޓަމަރުގެ ދަތުރުގެ މައުލޫމާތު ބޭންކާ ހިއްސާ ކުރާތީ ކަމަށާއި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

ނަމަވެސް ބީއެމްްއެލްގެ އޮފިޝަލް ވިދާޅުވީ މި ނިޒާމަކީ އޮޓޮމޭޓް ކޮށްފައިވާ، ކަސްޓަމަރުންގެ ސިއްރުތައް ހިމާޔަތް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ "އޮތޮރައިޒޭޝަން" މަރުހަލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މުއާމަލާތެއް ކުރާއިރު، ކާޑުގެ ސައްހަކަން ބަލާލުމާ އެއްފަދަ ގޮތެއް ކަމަށެވެ.

"އެހެން އިދާރަތަކާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް އަށް ކަސްޓަމަރުންގެ ކާޑު ބޭނުންކުރުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް އަބަދުވެސް ލިބޭ. މިގޮތުން މުއާމަލާތެއް ހިނގާ ވަގުތާއި އެ މުއާމަލާތެއް ހިނގި ތަނާއި ކަސްޓަމަރަކު ފައިސާ ހަރަދުކުރާ ގޮތާއި އާންމުކޮށް ވިޔަފާރިކުރާ ތަންތަނާއި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކާޑުތައް ބޭނުންކުރާ ގޮތް އަޅުގަނޑުމެންނަށް އެނގޭނެ،" އޮފިޝަލް ވިދާޅުވި އެވެ. 

"އެހެން ނަމަވެސް ޒިންމާދާރު ބޭންކެއްގެ ހައިސިއްޔަތުން އެ މައުލޫމާތުތައް ރައްކާތެރި ކުރުމުގައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދެން. ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަކީ ބީއެމްއެލްގައި ހަމައެކަނި ކަނޑައެޅިފައިވާ އުސޫލެއް ނޫން. އެއީ އަޅުގަނޑުމެން އަދާކުރާ އެންމެ މުހިންމު ޒިންމާ ވެސްމެ."

އޮފިޝަލް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން ގާއިމްކުރީ އާންމު އުސޫލަކުން ބަލާ ނަމަ "ހުއްދަ ދިނުމުގެ ފަށަލަ" އެކެވެ. އެއީ މައުލޫމާތު ބަޔަކާ ހިއްސާކުރުމުގެ އިންތިޒާމެއް ނޫން ކަމަށާއި ކާޑު މެޝިނެއްގައި ޕިން ޖެހުމުން، ސިސްޓަމުން ޕިން ހިއްސާއެއް ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެ ސިސްޓަމުން ހަމައެކަނި ކަށަވަރު ކޮށްދެނީ ޖެހި ޕިންއަކީ ސައްހަ ކޯޑެއްތޯ ނުވަތަ ނޫންތޯ. ބެންކުން އެ ގެނައި ބަދަލުގައި ވެސް ކުރާ ސުވާލަކީ އެ މީހާ ހުރީ ރާއްޖޭން ބޭރުގައިތޯ؟ ބޭރުގައި ނަމަ އެ މުއާމަލާތް ފުރިހަމަވާނެ. ހަމަ ރަގަޅު ޕިން ޖަހައިގެން މުއާމަލާތް ފުރިހަމަވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އިމިގްރޭޝަނާ ގުޅިގެން ގާއިމުކުރި  މި އިންޓަގްރޭޝަންގައި ކަސްޓަމަރުގެ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ލިބޭ މައުލޫމާތު ރައްކާ ވެސް ނުކުރާ ކަމަށާއި އެފަދަ މައުލޫމާތެއް ހާމައެއް ވެސް ނުކުރާނެ ކަމަށް ވިދާޅުވީ އެވެ.

"މިއީ ފަރުމާކުރުމުގައި ވެސް ސިއްރުތައް ހިފެހެއްޓުމަށް އިސްކަންދީފައިވާ ނިޒާމެއް،" އޭނާ ވިދާޅުވި އެވެ.

މިއީ ކާޑު ވަގަށް ނެގުމަށް ފަހު ނުވަތަ ކްލޯން ކުރުމަށް ފަހު، އަސްލު ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓައި ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން ހިންގާ އޮޅުވާލުމުގެ މުއާމަލާތްތައް ހުއްޓުވުމަށް ވެސް ބީއެމްއެލުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އީ-ކޮމާސް މުއާމަލާތްތަކަކީ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރުމުގެ ބަދަލުގައި ކާޑުގެ މައުލޫމާތަށް ބިނާވާ ކަމަކަށްވާތީ، އެފަދަ މުއާމަލާތްތައް މިކަމުން ވަނީ އިސްތިސްނާކޮށްފަ އެވެ.

މުއާމަލާތަކަށް ހުއްދަ ދިނުމުގެ މަރުހަލާގައި، ބީއެމްއެލްގެ ސިސްޓަމްތަކުން މިހާރު ވެސް ކާޑުގެ ސައްހަ ކަމާއި މުއްދަތު ހަމަވާ ތާރީހާއި އެކައުންޓުގައި ފައިސާ ހުރިތޯ ބަލަ އެވެ. އިމިގްރޭޝަންގެ ސްޓޭޓަސް ޗެކް މިހާރު ކުރިއަށް ދާނީ ބެކްގްރައުންޑްގައި އޮޓޮމެޓިކުން ވަގުތުންނެވެ. އަދި މިއީ ހަމައެކަނި ރާއްޖޭން ބޭރުގައި ކުރާ ކާޑު ޕްރެޒެންޓް ނުވަތަ ސީދާ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެ ކުރާ މުއާމަލާތްތަކަށް އެކަންޏެވެ.

ބީއެމްއެލް ކާޑުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައިވާ ގޮތުން، ކޮންމެހެން ކަށަވަރު ކުރަންޖެހޭ މައުލޫމާތު އެކި މަސްދަރުތަކުން ހޯދުމުގެ އިހުތިޔާރު އެ ބޭންކަށް އަބަދުވެސް އޮވެ އެވެ. އަދި އަލަށް ގާއިމްކުރި އިންތިޒާމަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ، އެންކްރިޕްޓް ކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން އެ ހުއްދައިގެ ބޭނުން ހިފުމެވެ. މި ގުޅުމަކީ ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކް މިންގަނޑުތަކަށް ފެތޭ، އަދި އާންމު ބޭންކިން އޮނިގަނޑަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ހާއްސަ ރައްކާތެރިކަމެއް އިތުރުކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މާލީ ކުށްތަކާ ބެހޭ މާހިރުން ވަނީ މި ނިންމުމަށް މަރުހަބާ ވެސް ކިޔައިފަ އެވެ. މިއީ މަކަރާއި ހީލަތް ހުއްޓުވުމާއި ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަށް އޮތް ކަންބޮޑުވުންތަކަށް ވެސް ހައްލު ލިބޭ ނިޒާމެއްކަން އެ ބޭފުޅުން ފާހަގަކުރައްވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލުން ފާހަގަކުރާ ގޮތުގައި މި އުސޫލާ އެކު، އެ ބޭންކު ވަނީ އަމިއްލަ ޒާތީ މައުލޫމާތު ހިއްސާކުރުމުގެ ރޮނގު ހުރަސްނުކޮށް، ސަރަހައްދީ ފެންވަރުގައި ސަލާމަތީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ބޭންކުގެ މަގާމު ހޯދައިފަ އެވެ.

"އަޅުގަނޑުމެންގެ އަޒުމަކީ ކޮންމެ މުއާމަލާތަކީ ވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތަކަށް ހެދުން. އަދި ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތުގެ ސިއްރުވެރިކަން އެންމެ މަތީ މިންވަރަށް ހިފަހައްޓައި، ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ހޯދައިދިިނުން." ބެންކުގެ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލް އާއި އިމިގްރޭޝަންގެ އިންޓަގްރޭޝަންގައި އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާނެ ކަމަށާއި މިއީ ހަމައެކަނި މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކޮށް ރައްކާތެރިކަން އިތުރުކުރުމަށް ގެނެވުނު ވެލިޑޭޝަނެއް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.