ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފި އެވެ. 

ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރްސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބަލައި، އަހަރީ ރިޕޯޓެއް ނެރެ އެވެ. 

އެގޮތުން އެޗްއާރްސީއެމުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓްގައި، ބަންދު މަރުކަޒުތަކުގައި އަޅަމުންދާ ތައުދީބީ ބައެއް ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ގައިދީން ބިޑި އަޅުވައި، އެހެން މީހުންނާ ވަކިން ގޮޅިން ބޭރުގައި ބައިތިއްބަ އެވެ. ނުކިޔަމަންތެރިވާ ގައިދީންނާ މެދު މިފަދަ ވަގުތީ ފިޔަވަޅު އަޅަން، ޖަލުގެ މަސްލަހަތަށްޓަކައި ގަވާއިދުން ހުއްދަ ކުރާ ކަމަށް ރިޕޯޓްގައިވެ އެވެ. 

ނަމަވެސް، މިގޮތަށް ގައިދީން އެކަހެރިކޮށް ބައިތިއްބާ ތަނާ މެދު ރިޕޯޓުގައި ކަންބޮޑުވުން ފާޅުކުރި އެވެ. ރިޕޯޓްގައިވާ ގޮތުން އެއީ މެންދުރު ވަގުތު ވަރަށް ހޫނުވާ ތަނެކެވެ. ބައެއް ފަހަރު ބަންދު މީހުން އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި ކުނަލެއް މަތީ ގިނަ އިރުތަކެއް ބާއްވާާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. 

އެހެން ބާއްވާއިރު، ނަމާދު ކުރުމަށާއި ފާހަނާ ކުރަން ފުރުސަތު ދޭ ކަމަށް އޮފިސަރުން ބުންޏަސް، އެކަން ލޮގް ކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. 

މީގެ އިތުރުން އެޗްއާރްސީއެމް ފާހަގަކޮށްފައިވާ ބައެއް ކަންބޮޑުވުންތައް: 

- ރިމާންޑް ބަންދު މީހުންގެ އަދަދު އިތުރުވުން.

- ކަސްޓޯޑިއަލް ޖަލުތަކުގައި ރިމާންްޑް ބަންދު މީހުންގެ އަދަދު އިތުރުވުން. 

- ސިއްހީ ފަރުވާ ލިބުން ލަސްވުން. 

- މުވައްޒަފުންގެ ދަތިކަން. 

- މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނެތުން. 

- ދައުލަތުގެ އިދާރާތަކަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެކަށީގެންވާ މަރުކަޒުތައް ގާއިމްކޮށްފައި ނުވުން.