މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާއިރު، މިފަހަރު ހަތަރު ފްލައިޓެއްގައި މީހުން ދަތުރުކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް ސައުދީއަށް ދާ އެ ކުންފުނީގެ އެޑްވާންސް ޓީމުގެ ބައިވެރިން މާދަމާ ފުރާނެ ކަމަށެވެ. 

މިފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ. 

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ހައްޖަށް 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ. 

  • ފުރަތަމަ ފްލައިޓް: ފުރާނީ މި މަހު 15 ގައި މެންދުރު ފަހު 3:25 ގައި
  • ދެވަނަ ފްލައިޓް: ފުރާނީ މި މަހު 17 ގައި ފަތިހު 5:00 ގައި
  • ތިންވަނަ ފްލައިޓް: ފުރާނީ މި މަހު 18 ގައި މެންދުރު ފަހު 3:25 ގައި
  • ހަތަރުވަނަ ފްލައިޓް: ފުރާނީ މި މަހު 19 ގައި ހެނދުނު 9:30 ގައި

ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. 

ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެންނެވެ. 

ހައްޖު ދުވަސް ކަމަށްވާ، ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަސް ދިމާވަނީ މީލާދީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން، މި މަހު 26 އަށެވެ. 

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. 

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެއަށް އެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.

ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.