ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ވެސް ބިނާވެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ. ހާއްސަކޮށް، އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައި ވަނީ ވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ،" ހިތާބުގައި ރައީސް އެދިވަޑައިގަތެވެ.

މީޑިއާތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދެނީ މި ސަރުކާރުން

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މީޑިއާތަކަށް ދުވަހަކު ވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން އަންނަނީ ދެމުންނެވެ. މީޑިއާތަކަށް ސަރުކާރުން ވި ވައުތައް ވެސް ފުއްދަމުން އަންނަ ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭގެ ތެރޭގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ހެދުމާއި މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރު ކުރާނެ މަގު ފަހިކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ދެފުށް ފެންނަ ވަކި އުސޫލެއްގެ ތެރެއިން ދޭން ނިންމުމެވެ. 

ސަރުކާރު ޒިންމާދާރުކުރުވުމާއި ހާމަކަމާއި ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް

އޭގެ ބޭނުމަކީ މިނިވަން އަދި ފުދުންތެރި ދިވެހި މީޑިއާއެއް އުފެއްދުމަށް ފުރުސަތު ފަހިކޮށްދިނުން ކަަމަށް ރައީސް ވިދާޅުވި އެވެ. 

"މީޑިއާ ވިލެޖު ވެސް ދާދި އަވަހަށް ހުޅުވި އެ ތަނުގެ ހިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ އެވެ" ރައީސަް މުއިއްޒު ވިދާޅުވި އެވެ. 

މިނިވަން މީޑީއާަކީ ހައްގެއް، ޒިންމާއެއް

ރައީސް ވިދާޅުވި ގޮތުގައި ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށެވެ. އެއާ އެކު، ދިވެހިން ގަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށް ވެސް މީޑިއާ ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ޒިންމާދާރުކުރުވުމާއި ހާމަކަމާއި ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަސްލަހަތު ކަމަށެވެ. ދިވެހި ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހުރިހާ ހައްގެއް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

މޯލްޑިވްސް 2.0 ހަގީގަތަކަށް ވުމުން ނޫސްވެރިންނަށް ފަހި މާހައުލެއް ތަނަވެސްވާނެ

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް އަލިއަޅުވައިލެއްވި އެއް ކަމަކީ ނޫސްވެރިކަމާއި ޓެކްނޮލޮޖީއާ އޮންނަ ގާތް ގުޅުމެވެ. 

އެ މަނިކުފާނު ވިދާޅުވީ މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަށް ވުމުން، ހުރިހާ ގޮތަކުން ވެސް ދިވެހި ނޫސްވެރިންނަށް މިއަދަށް ވުރެ ފަހި މާހައުލެއް ތަނަވެސްވާނެ ކަަމށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ، ނޫސްވެރިކަމާއި ޓެކްނޮލޮޖީ އާއި މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާ މެދު ދުނިޔޭގައި ފުޅާކޮށް ބަހުސް ކުރަމުން އަންނަ ވަގުތެކެވެ.

"އަދި ނޫސްވެރިންނާއި ޑިޖިޓަލް ހައްގުތައް ހިމާޔަތްކުރާ ފަރާތްތަކާއި ޓެކްނޮލޮޖިސްޓުންނާއި ޕޮލިސީ ހަދާ ފަރާތްތަކާއި ރެގިއުލޭޓަރުންނާއި މަދަނީ ޖަމްއިއްޔާތަކާއި އިލްމީ ދާއިރާތަކާއި ދިރާސާވެރިންނާއި ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ނޫސްވެރިކަމުގެ ކުރިމަގަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.

"މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށް ވެގެންދާއިރު، ހުރިހާ ގޮތަކުން ވެސް ދިވެހި ނޫސްވެރިންނަށް މިއަދަށް ވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެ އެވެ،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިޔާ އަލީ ސުލައިމާން ވާހަކަ ދައްކާއިރު، ސަަންގު ޓީވީގެ ނޫސްވެރިޔާ މާތު އަޑުއަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ނޫސްވެރިޔާ އަލީ ސުލައިމާން ވާހަކަ ދައްކާއިރު، ސަަންގު ޓީވީގެ ނޫސްވެރިޔާ މާތު އަޑުއަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރ ކަމަށެވެ. އެއާ އެކު، ނޫސްވެރިކަމަކީ އެ މަސައްކަތް ކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީ ކުޑަކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަށް ހައްލެއް ހޯދައި، ދުނިޔެ އަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާ އެކު ފައި ހަމަކުރާނެ، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެވެ،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ އަހުލާގީ މިންގަނަށް އިސްލާމްދީނުގައި ވެސް ބާރު އަޅާ

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތީ ދަރަޖައަކަށް ފުރުސަތު ދީފައިވާ ކަމެކެވެ.

އިސްލާމްދީނުގައި ހިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވަނީ ކަނޑައަޅުއްވާފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިގޮތުން ހިޔާލުފާޅުކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއި މުޖުތަމައުގެ ޢާންމު މަސްލަޙަތު ހިފެހެއްޓުމާއި ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ވަނީ ބާރުއަޅުއްވާފަ އެވެ،" ރައީސް ވިދާޅުވި އެވެ.

ދޮގު މައުލޫމާތަށް ރައްކާތެރިވާންޖެހޭ

ރައީސް މުއިއްޒު ވިދާޅުވީ، ބަވަނަވަމުންދާ ދުނިޔޭގައި ދޮގު މައުލޫމާތު ފެތުރުމާއި ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާތީ، ރައްކާތެރިވާން ޖެހޭ ކަމަަށެވެ.

"މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ހަނދާންކޮށްދެމެވެ،" ރައީސްގެ ހިތާބުގައި ވެ އެވެ.

"މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަދިވެސް އެއްފަހަރު ގޮވާލަމެވެ."