މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ، މި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ބޭފުޅުން މަގާމުގެ ހުވާކުރާ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. 

މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އެ ދަރުބާރުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދައުވަތު ދޭން ވަނީ ނިންމައިފަ އެވެ. 

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ލަފާގެ މަތިން، އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ. އެ އޮތޯރިޓީން ވަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަން ޖެހޭ ގޮތުގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭގައިވާ ގޮތުން؛

- ހުވާކުރުމުގެ ރަސްމިއްޔާތަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށެއްގައި އާއްމުކޮށް އިއުލާން ކުރަންޖެހޭނެ.

- ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ވަގުތަށް ފަނޑިޔާރު ހާޒިރުނުވެވޭ ނަމަ ހުވާލައިދިނުން އޮންލައިންކޮށް ބޭއްވުން.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ވަގުތުތައް މި ހަފުތާގައި ފައިނަލްކޮށް، ކައުންސިލްތަކަށް އަންގާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލަރުންނާ އެކު، އަންހެނުންގެ ކޮމިޓީތަކަށް ވެސް މެމްބަރުން ވަނީ އިންތިހާބު ކޮށްފަ އެވެ. ގާނޫނުގައިވާ ގޮތުން އަންހެނުން ކޮމެޓީގެ މެމްބަރުން ހުވައެއް ނުކުރާނެ އެވެ. ނަމަވެސް، ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެ ކޮމިޓީ މެމްބަރުން އިގުރާރުގައި ސޮއިކުރާނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.