ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" ފާހަގަކުރަން ސަރުކާރުން މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ފާޅުކުރަން މަސައްކަތްތެރިންގެ ޔޫނިއަންތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެއްވުންތައް ބާއްވާ މޭ ޑޭ ގައި ސަރުކާރުން މިއަދު ބޭއްވި ހިނގާލުމުގައި މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް ބޭފުޅުން އަދި މިނިސްޓްރީތަކާއި ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.
ހިނގާލުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާއި ދިވެހި މަސައްކަތްތެރިންނަކީ ރާއްޖޭގެ މައިބަދަ ކަމަށެވެ.
"[މަސަައްކަތްތެރިންނަކީ] ރާއްޖޭގެ އިގުތިސާދުގެ މައިބަދަ، ރާއްޖެ މި ކުރަމުން އައި ދަތުރުގައި ކާމިޔާބީއެއް ލިބިފައިވާ ނަމަ، އެ ކާމިޔާބީއެއްގެ ހަގީގީ މޭސްތިރިންނަކީ ތިޔަ ބޭފުޅުން،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގެ މަސައްކަތްތެރިންނަކީ ހައްގުވާ ކަންތައްތަކުގެ ވާހަކައިން އަބަދުވެސް އަޑުއުފުލާ ބައެއް ކަމަށާއި އެކަންތައްތައް ސަރުކާރުން ބަލައިގަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންގެ ހައްގުގައި ދެންމެ މިތާނގައި ފާޅުކުރެވިގެން ދިޔަ ހިޔާލުފުޅުތަކާއި އަދި އެކިއެކި ބޯޑުތަކުގައި ރަމްޒުކޮށްދީފައި ހުރި ހިޔާލުފުޅުތައް އަޑުއަހައިފިން، އެ ބަލައިގަންނަން، މާތްﷲ އިރާދަކުރެއްވިޔާ މި އަހަރު ވެގެންދާނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ރާއްޖޭގައި ފުރިހަމައަށް ތަންފީޒުވެގެން އަންނާނެ އަހަރަށް،" އިހުސާން ވިދާޅުވި އެވެ.
ހަމަ އެގޮތަށް، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ގާނޫނު ވެސް ފުރިހަމައަށް އިމްޕްލިމެންޓްކުރެމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފައި ހުރި ބައިވަރު މައްސަލަަތައް، މަސައްކަތްތެެރިންގެ ފަރާތުންނާއި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅުއްވާފައި ހުރި މައްސަލަތައް، މި ސަރުކާރާ ހަވާލުވީ އިރުގައި ހުރި، އެއީ ތިޔަ ބޭފުޅުންގެ ހައްގުތައް، އެއަށް އަމާނާތްތެރިކަމާ އެކު އަދުލުވެރި ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން މި ފަހަރު،" އިހުސާން ވިދާޅުވި އެވެ.
އެ އެއްވުމުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދުގެ ހިނގާލުން ބޭއްވީ މަސައްކަތްތެރިންގެ އަގުވަޒަންކުރައްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާތީ ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ބައްޓަންކުަރަައްވަން ރައީސް އެދިވަަޑައިގަންނަވަނީ މަސައްކަތްތެރިންގެ އުއްމީދުތަަކަށް ހައްލު ލިބޭނެ ގޮތަކަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ދެން [ސުވާލަކަށް] މިއޮތީ ކޮންކަމެއްހޭ ސަރުކާރުން ކުރީ؟ މިސާލަަކަށް ސަރުކާރުން ކުރި މަސައްކަތްތައް ވަރަށް ގިނަ، ރާއްޖޭގެ އިގުތިސާދީ ހުރިހާ ސިނާއަތްތަކަކާ ގުޅިފައި މިވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި މަސައްކަތްތެރިންގެ ކުރިއެރުމަށް ކުރެވޭ މަަސައްކަތްތައް،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ ލޭބަޔޫނިއަންތަކުން ވެސް މިއަދު މާލޭގައި ހިނގާލުމެއް ބޭއްވި އެވެ. އެ ހިނގާލުމުގައި ބައިވެރިން ވަނީ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ހާމަކޮށްފަ އެވެ. އަދި މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތައް ރަނގަޅަށް ތަންފީޒުކުރުމަށް ގޮވާލި އެވެ.