މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ރާއްޖޭގައި ގިނަ ގާނޫނުތަކެއް ހަދައި އަމަލުކުރަން ފަށާފައި ވިޔަސް، މަަސައްކަތްތެރީންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް، މަސައްކަތްތެރީންގެ ޔޫނިއަންތައް ގުޅިގެން މާލޭގައި މިއަދު ބޭއްވި މޭ ޑޭ މުޒާހަރާގައި ފާޅުކޮށްފި އެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރީންގެ ދުަވަސް ނުވަތަ "މޭ ޑޭ" އެވެ.
މިއަދު ހަވީރު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ "މޭ ޑޭ މުޒާހަރާ" ގައި ގެންގުޅުނު ބެނާތަކާއި ބޯޑުތަކުގައި ލިޔެ ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަން ނެތުމުގެ ކަންބޮޑުވުމާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތައް އައުޓްސޯސްކުރުމުގެ ސަބަބުން، މުވައްޒަފުންނަށް ލިބޭ އުޖޫރަ ކުޑަވުން ހިމެނެ އެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ސާވިސްޗާޖް ޑޮލަރުން ނުދިމަކީ ވެސް މުޒާހަރާގައި ފާޅުކުރި ކަންބޮޑުވުމެކެވެ.
މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ޔޫނިއަން، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އަދި އެކިއެކި ޔޫނިއަންތައް ގުޅިގެން ބޭއްވި މުޒާހަރާގައި އެމްޓީޔޫސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަދު ބޭއްވި މުޒާހަރާގެ މަގުސަދަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ. މަސައްތެރިންގެ ފަރާތުން އޭނާ ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކުރެއްވި އެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ ޓޫރިސްޓް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފުތާއަކު ދެ ދުވަސް އޯފް ގެ ގޮތުގައި ކަނޑައަޅައިދިނުމަށް، އަޅުގަނޑުމެން މި ގޮވާލަނީ ޓޫރިޒަމް ދާއިރާގައި ކެޝުއަލް ކުރުން ނުވަތަ ކޮންޓްރެކްޓް ލޭބަރުން ނޫނީ އައުޓްސޯސްކުރުން ހުއްޓާލުމަށް، އައުޓްސޯސްކުރީމާ ވާގޮތަކީ ވަރަށް ގިނަ މުވައްޒަފުންގެ ހައްގުތައް ނިކަމެތިވެ، ލިބެންޖެހޭ އުޖޫރަ އާއި ހަމަ މުސާރަ ނުލިބެނީ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމްދާއިރާގެ މުވައްޒަފުންނަށް ސާވިސްޗާޖް ޑޮލަރުން ދިނުމަކީ ވެސް މަސައްކަތްތެރިންގެ ޑިމާންޑެކެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގައި ބައިވެރިވި މަސްވެރިން އެދެނީ މައުރޫފް ވިދާޅުވި ގޮތުގައި މަސްގަންނަ އަގު ބޮޑުކުރުމަށެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެގައި ބެހެއްޓުމަށް. އެއީ ސަރުކާރުން ވެފައިވާ ވައުދެއް،" މައުރޫފް ވިދާޅުވި އެވެ.
ދައުލަތުގެ ކުންފުނިތަކުން މަސްގަންނަ އަގު ބޮޑުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަަބަބުން ކުރިމަތިވި ދަތިކަމުގައި ސަރުކާރު ކުންފުނިތަކުން އާދައިގެ މުަވައްޒަފުން ކަމަށް ބުނެ، އެކަން އެގޮތަށް ނުކުރަން ވެސް މުޒާހަރާގައި ގޮވާލި އެވެ.
މުޒާހަރާގައި ވާހަކަދެއްކި ޓީޗަރަކު ބުނި ގޮތުގައި ޓީޗަރުންގެ އޮތް އެއް ކަންބޮޑުވުމަކީ ޓީޗަރުން މަސައްކަތްކުރާނެ ކޮމްޕިއުޓަރުތައް ސްކޫލްތަކުގައި ނެތުމެވެ.
"ޓީޗަރުންނަކީ ކޮންމެ ދުވަހަކު ލެސަންޕްލޭނެއް ހަދަންޖެހޭ، ކޮންމެ ޔުނިޓެއް ނިމުނީމާ ޓެސްޓް ތައްޔާރުކުރަން ޖެހޭ، އެ ޓެސްޓްގެ ސޮފްޓްކޮޕީ ލިޔަން ޖެހޭ، މާކްސް ޝީޓްތައް އިންޓަނެޓަށް އަޕްލޯޑްކުރަން ޖެހޭ [ބައެއް]،" އޭނާ ބުންޏެވެ.
އެހެން އެކަން އޮތް އިރު ޓީޗަރުން މަސައްކަތްކުރާނެ ވަސީލަތްތައް މިހާތަަނަށް އެއްވެސް ސަރުކާރަކުން ފޯރުކޮށްދީފައި ނުވާކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށް ވެސް ބުންޏެވެ.
މޭ ޑޭ ފާހަގަކުރަން ސަރުކާރުގެ އޮފީސްތަކުން ވެސް މިއަދު ހިނގާލުމެއް ބޭއްވި އެވެ. ޔޫނިއަންތަކުގެ މުޒާހަރާގައި އެކަމަށް ވެސް ފާޑުކި އެވެ.