ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފޯކަައިދޫ ޕޮލިސްގެ ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލުގައި ރޯކޮށްލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ 10:30 ހާއިރު އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއްކަން ފާހަގަކުރެވޭ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ގެންދާއިރު އެ އަމަލު ހިންގި ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ މިފަދަ އަމަލުތައް ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި މި ސާވިސް އިން ދެކެމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ކުށް ކުރާ މީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ފިނޑި އަމަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށާއި އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު، ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.