ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން މި ސަރުކާރުގެ އާ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދޭން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވާފައިވާއިރު، އޭގެ މާނައަކީ "މި ސަރުކާރު ބަރާބަރު" ކަމަށް އެ ބޭފުޅުން ވެސް ގަބޫލު ކުރެއްވުން ކަަމަށް ފިޝަރީޒް މިނިސްޓަރު އަދި ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބ. ކެންދޫ ދާއިރާ އިން ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގަ އެވެ. 

ސަރުކާރުގެ އާ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދޭން އެމްޑީޕީގެ ބައެއް މެމްބަރުން މިދިޔަ ބުދަ ދުވަހު ވޯޓު ދެއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެންމެ ފަހުން ބައެއް މެމްބަރުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ. 

އެމްޑީޕީގެ ގިނަ އާންމު މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް މިނިސްޓަރަކީ ހޯމް މިނިސްޓަރު އިހުސާން ކަމަށްވީ ނަމަވެސް މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެ ޕާޓީގެ 12 މެމްބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އެހެން މެމްބަރުން ވޯޓު ދެއްވީ އިހުސާން "ރަނގަޅު" ކަމަށެވެ.

ބައެއް މިނިސްޓަރުންނަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ރުހުން ދެއްވި ދެއްވުމާ ގުޅޭ ގޮތުން މިނިސްޓަރު ޝިޔާމް ރޭ ވިދާޅުވީ، އެ އަށް ވުރެ "ބޮޑު ވާހަކައެއް" އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ.

"ވިދާޅުވީ މިނިސްޓަރު އިހުސާން ވެސް ބަރާބަރޭ. މިނިސްޓަރު ޒަމީރު އަދި މާ ބަރާބަރޭ. ހުރިހާ ވަޒީރުން ވެސް ބަރާބަރޭ، ސަރުކާރު ވެސް ބަރާބަރޭ އެމްޑީޕީން ވެސް ވިދާޅުވީ،" ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ. 

މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުން ނަމަ އެމްޑީޕީގެ ޕީޖީ ގުރޫޕުން އަމަލުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވާ ގޮތަށެވެ. އެކަމަކު، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރައްވައި، މިނިސްޓަރުންނަށް ރުހުން ދެއްވުމުން މިއަދު އެ މެމްބަރުން "ކުޑަކަކޫ" ޖައްސުވައިފި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މީގެ ކުރިން އަޅުގަނޑުމެން ބޭނުންވާ ގޮތްގޮތަށް ވޯޓު ދިނިން. އެކަމަކު ވޯޓު ދީފައި އަނެއް ދުވަހު މާފަށް އެދުނު ތަނެއް އަޅުގަނޑެެއް ނުދެކެން. [މިއަދު އެމްޑީޕީން] ކުޑަކަކޫ އެ ޖެއްސީ. އެއްކަލަ ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންގެ ތެރެއިން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ކުޑަކަކޫ ޖެއްސިއޭ،" މިނިސްޓަރުންނަށް ރުހުން ދެއްވި އެމްޑީޕީގެ މެމްބަރުން މާފަށް އެދިވަޑައިގެންފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ. 

"މިއީތޯ ޑިމޮކްރެޓިކް ނަމުގައި ޖައްސުވައިގެން އުޅޭ ޕާޓީ ކަން ކުރަންޖެހޭނެ ގޮތަކީ."

އެނގިފައިވާ ގޮތުގައި މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ވޯޓުދޭނެ ގޮތުގެ ވިޕެއް ނެރެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި މިދިޔަ ބުދަ ދުވަހު ނެގި ވޯޓުގައި ނިންމީ ތިން މިނިސްޓަރަކު ފިޔަވައި ދެން ތިބި މިނިސްޓަރުންނަށް " ގްރީން" [އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ނުވަތަ ވޯޓުގައި ބައިވެެރިނުވިޔަސް ރަނގަޅު] ކަމަށް ކަނޑައަޅާށެވެ.

ނުފެންނަ ކަމަށް ވޯޓު ދޭން ނިންމާފައި އޮތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށެވެ.

އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ 10 މެންބަރަކު ވޯޓު ދެއްވީ އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް ތަކެތި ގެންދިއުމާއި ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ ޒާތީ މައުލޫމާތުތަކެއް އާއްމުކުރި މައްސަލާގައި އިހުސާނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، އެއްވެސް ސިޔާސީ ޕާޓީއަކުން ތަހުޒީބު ގޮތެއްގައި ބާއްވާ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަން މިދިޔަ ދުވަސްތަކުގައި ކަށަވަރު ވެފައިވާ ކަމަށާއި އެކަން ދެމިއޮންނާނީ އެ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރު އޮތީ ތަހުޒީބު މުޖުތަމައުތަކުގައި އޮންނަ ވަރަށް ވުރެ ވެސް މާ ފުޅާކޮށް ކަމަަށެވެ. 

މި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން އިދިކޮޅުގައި އުޅުއްވިއިރު ތަހައްމަލު ކުރަން ޖެހުނު އުނދަގޫތައް މިހާރު އުފުލަން ނުޖެހޭކަން ކޮންމެ ދުވަހަކު ވެސް ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސަރުކާރަކުން އިސްވެ، ސިޔާސީ ގޮތުން ތަހުޒީބުކޮށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ޔަގީނުން ވެސް މި ސަރުކާރުން ހުރަހެއް ނާޅާނެކަން ދެ އަހަރާއި ބައި ވެގެންދާއިރު ވެސް އަޅުގަނޑުމެންނަށް އެބަ ސާބިތުކޮށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ. 

މާލޭގައި ޕީއެންސީގެ މައި ހަރުގޭގައި ރޭގެ ޖަލްސާ ކުރިއަށް ގެންދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ސަޕޯޓަރުންތަކެއް އަޑުގަދަ ކުރަމުން ދިޔަ ދިޔުމަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ސިޔާސީ ހަރަކާތްތައް އެޅި ހުރަސްތައް އެންމެ ރަނގަޅަށް އެނގޭނީ އެ މީހުންނަށް ކަމަށެވެ. 

އޭރުގެ ޕީޕީއެމް އަދި މިހާރު ޕީއެންސީގެ މެމްބަރުންގެ އެ ދުވަސްވަރުގެ ސިޔާސީ އެއްވުންތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ހަރުކުރި ނަން "ދެދޮރު ދޭތެރޭ މުޒާހަރާ" ގެ މަތިން މިހާރު ހަނދާން ނެތުނީތޯ ވެސް ޝިޔާމް ރޭ އެއްސެވި އެވެ. 

"އަދި އިދިކޮޅުގައި މިއަދު ހަގީގީ މަސައްކަތްކުރާ ބޭފުޅުން، އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީ، ވާދަވެރި ޕާޓީ އެމްޑީޕީ އާއި އެމްޑީޕީގެ އިސްވެރިންނަށް އެ ހަނދާތައް އެ ބޭފުޅުންގެ ސިކުނޑީގައި މިއަދު ނެތީތޯ ވެސް އަޅުގަނޑު މިއަދު ސުވާލު ކުރަން،" ޝިޔާމް ވިދާޅުވި އެވެ. 

އޭނާ އެ އިޝާރާތް ކުރައްވަނީ އެމްޑީޕީ އެންމެ ފަހުން ވެރިކަން ކުރި ދުވަސްވަރު އިދިކޮޅުން ހިންގި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި، ހުއްޓުވައި ހައްޔަރު ކުރަމުން ގެންދިޔަ ގެންދިއުމެވެ. 

ޝިޔާމް ވިދާޅުވީ، މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް އިންތިހާބުގައި ކެންދޫ ދާއިރާ އެއްކޮށް އެމްޑީޕީ އަށް ގެއްލިފައިވުމުން ދޭހަވަނީ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީގެ އެންމެ އަޑުގަދަ އެއް މެމްބަރު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އިތުރަށް މަސައްކަތް ކުރައްވަން ޖެހޭ ކަން ކަމަށެވެ.