ރާއްޖޭގެ އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ އެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ، މި އަހަރުގެ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގަ އެވެ.

ރައީސް ވަނީ މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ އަދުލުވެރި ސިޔާސަތުގައި ހިމެނޭ ކަންކަން ހިތާބުގައި ފާހަގަކުރައްވައިފަ އެވެ. 

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމް ކުރުމެވެ.

އޭގެ އިތުރުން ރާއްޖެ އަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީން ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެ ދަނީ އާއިލާތައް ހިނިތުން ކުރުވަމުންނެވެ. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރިންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަގުވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާ އެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފި އެވެ،" ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސައްކަތެއް ނުލިބި ހަވާސާ ވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ގައިދީންނަށް ވެސް ސަރުކާރުން އަންނަނީ އެ ފުރުސަތު ފަހިކޮށްދެމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ހާއްސަ ޕްރޮގްރާމް ހަލުވިކަމާ އެކު، ހިނގަމުން އަންނަކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އުމުރުން 65 އަހަރު ވުމަށް ފަހު ވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން އަޅުގަނޑުވީ ރިޔާސީ ވައުދާ އެއްގޮތަށް ހުޅުވައިލެވިއްޖެ އެވެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ހިތާބުގައި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެެނީ ވެސް ގާބިލް ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި މަސައްކަތްތެރިންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކީ ވެސް މި ސަރުކާރު ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ކުދިފަންތި އާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއް ވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ހައްލު ހޯދައިދީފީމު އެވެ. މަސްވެރިންނަށް ކުރިން ދަތިވެފައި އޮތް އެތައް ކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އެކަން ފުޅާކޮށް އަދި ރާއްޖޭގައި ކުރިން ނެތް ސިނާއީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށައިފީމެވެ،"

ރައީސްގެ ހިތާބުގެ އިތުރު ނުކުތާތައް

  1. ތާރީހުގައި ވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެ ގިނައިން ފެންނަން ހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި. ދިވެހި އުފެއްދުންތެރިކަމުގެ އަހަރާ އެކު، މި ފަހަރުގެ މައުރަޒު އަދި މާ ކާމިޔާބުވާނެ.
  2. މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވާން ކައިރިވީއިރު، 23,000 އަށް ވުރެ ގިނަ ވަޒީފާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ.
  3.  ރާއްޖޭގައި ވަޒީފާތަކުގަ އާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާ އެކު، ރައްޔިތުން އެދޭ އަމާޒަށް ވާސިލްވި. 
  4. ދިވެހިންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި އަމަލީ ސިފަ އަންނަނީ ގެންނަމުން.

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ހިތާބު ނިންމަވައިލައްވަމުން ރައީސް މުއިއްޒު އެދިވަޑައިގަތީ، ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ހަލުވިކޮށް، ކާމިޔާބު ކުރުމުގައި ހުރިހާ އެންމެންގެ އެއްބާރުލުމަށެވެ.

"މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ އަމަލީ މައިދާނަށް ނުކުމެވަޑައިގަތުމެވެ. 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްގީ ވެފައިވާ ފުދުންތެރި ދިވެހިރާއްޖެ އެއް ހޯދުމަށް ހިފާފައިމިވާ އަމާޒަށް ގައުމު ވާސިލް ކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރިންނަށް ކަމާ މެދަކު ކުޑަވެސް ޝައްކެއްނެތެވެ،" ރައީސް ވިދާޅުވި އެވެ.