އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާތައް ޒިންމާދާރުކަމާ އެކު ރިޕޯޓުކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު އެދިއްޖެ އެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން ނެރުނު މީޑިއާ އެޑްވައިޒަރީގައި ބުނީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ ގޮތުން މި ފަހުން ހިނގި ހާދިސާތައް ރިޕޯޓުކުރިއިރު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ރައްކާތެރިކަމަށް ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އެޑްވައިޒަރީގައި ބުނީ އަމިއްލަ ނަފްސަށް ގެއްލުންދޭ ވާހަކަތައް ފުޅާ ދާއިރާއެއްގައި ފެތުރުމުން އެފަދަ ކަންކަން ކުރަން އިތުރު މީހުންނަށް ހިތްވަރު ލިބި އަދި އެ ހާދިސާތައް ތަކުރާރުވާން މަގުފަހިވާ ކަމަށެވެ. އޭގެ އިތުރުން؛
- އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ އިހުސާސްތަކުން އަރައިގަންނަން ހިތްވަރު ލިބިދޭ ފަދަ ކޮންޓެންޓު މީޑިއާއިން ގެނެސްދިނުން އިތުރުކުރަންޖެހޭ. އޭރުން އެފަދަ ހާދިސާތައް ހިނގުން މަދުވާން އެހީވެދޭނެ.
- ނަފްސާނީ ބަލީގެ ހާލަތުން އަރައިގަންނަ މީހުންގެ ވާހަކަތައް ގެނެސްދިނުމަށް ނުވަތަ ނަފްސާނީ ކަންކަމުން އަރައިގަންނަން ހިތްވަރު ދޭ އަދި އެކަމުގައި އެހީތެރިކަން ހޯދާނެ ގޮތްތައް ކިޔައިދިނުން.
ނުކުރަންވީ ކަންތައް
- މީހަކު އެފަދަ ކަމެއް ކުރިގޮތް އޭނާގެ ވަނަވަރު އަދި ކާކުކަން އެނގޭނެ ފަދަ ތަފްސީލުތައް ނުހިމެނުން
- ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ ފުޓޭޖު، އޯޑިއޯ ރިކޯޑިން ނުވަތަ ޑިޖިޓަލް ނޫނީ ސޯޝަލް މީޑިއާގެ ލިންކުތައް ބޭނުން ނުކުރުން
- އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އާދައިގެ ކަމެއް ނޫނީ ރަނގަޅު ކަމެއްގެ ގޮތުގައި ދައްކުވައިދޭ ނުވަތަ މައްސަލަތަކުގެ ހައްލެއް ކަމަށް ހިތްވަރު ލިބިދާނެ ފަދަ ބަސްމަގު ނުވަތަ ކޮންޓެންޓު ބޭނުން ނުކުރުން
- ހާދިސާ ހިނގި ތަނުގެ ނަން ނުވަތަ ތަނާ ބެހޭ ތަފްސީލުތައް ނުހިމެނުން
ކުރަންވީ ކަންތައް
- ދިރިއުޅުމުގެ ހާސްކަން ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތަކާ ކުރިމަތިލާނެ ގޮތާއި އެހީތެރިކަން ހޯދުމުގެ މުހިއްމުކަމުގެ ވާހަކަތައް ރިޕޯޓުކުރަން އިސްކަންދިނުން
- އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހާދިސާތައް ހުއްޓުވުމާ ބެހޭގޮތުން ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދައިގެން އެންމެ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އާއްމުން ހޭލުންތެރިކުރުވުމުގެ ކޮންޓެންޓު ގެނެސްދިނުމަށް އިސްކަން ދިނުން
އެމްޖޭއޭއިން ބުނި ގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހަބަރުތައް ރިޕޯޓުކުރަން ޖެހޭނީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ނަމަ، އެ މިންވަރަށް، މުޖުތަމައުގެ އާއްމު މަސްލަހަތުގައި ކޮންމެހެން އެނގެން ޖެހޭ ކަމެއް ނަމަ އެ މައުލޫމާތު އެކަނި ކަމަށެވެ.
އަމިއްލައަށް މަރުވުމުގެ ތިން މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެހެންވެ، އެކަނިވެރިކަން ނުވަތަ ނުވަތަ ނަފްސާނީ ގޮތުން އުނދަގޫވާ ނަމަ މެންޓަލް ހެލްތުގެ ހޮޓްލައިން 1676 އަށް ގުޅައި އެހީތެރިކަން ހޯދަން ކަމާގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.