މި ސަރުކާރުގެ އެކި އޮފީސްތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދުގެ ވާހަކަ ދެއްކޭނީ ނުވަތަ ހާމަކުރެވޭނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 

"ޕްރެސާ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި އާ ތަރުޖަމާނު މުންދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހަމާނުކުރައްވަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ބުނެ، އެއަށް ވުރެ ގިނަވީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ނޫން ކަމަށެވެ. އެއީ މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި އިއުލާންކުރި އަދަދެއް ކަމަށް ވިދާޅުވި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު އެ އަށް ވުރެ ގިނަވި ސީދާ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. 

"މިހާރު" އިން 2024 ވަނަ އަހަރު ހޯދާފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އޭރު އުޅެނީ 1،200 އަށް ވުރެ މަތީގަ އެވެ.  

ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

މުންދު މިއަދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ތިންބައި ކުޅަ އެއްބައި މަދުކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައި، ރައީސް އޮފީހުގައި މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. 

"... ސިޔާސީ މަގާމުތައް ވެސް މަދުވެގެން ދާނެ، އެއާ އެކުގައި އެސްއޯއީތަކުގެ މަގާމުތައް ވެސް މަދުވެގެން ދާނެ. އެހިސާބުން ކަންނޭނގެ އަޅުގަނޑުމެން އަދަދުގެ ވާހަކަ ދައްކަން ވާނީ،" އޭނާ ވިދާޅުވި އެވެ. 

"އެއީ އަޅުގަނޑު މިހާރު ތިބޭފުޅުންނަށް މިސާލަކަށް، އަޅުގަނޑު [އެ އަދަދު] އެނގޭ ނަމަވެސް އަދަދެއް ދަންނަވައިފިއްޔާ ތިބޭފުޅުން ރިޕޯޓްކުރައްވާއިރު، މާދަން އެ އަދަދު އެއަށް ވުރެ މަދުވެފައި އިނދެދާނެ. އޭގެ މާނައަކީ އިޓް އިޒް ނައު ކަރަންޓްލީ އޭޒް ވީ ސްޕީކް ފޯ ދަ ޕާސްޓު ޓޫ ވީކް މި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މި ދަނީ އަދަދު މަދުވަމުންނޭ، ބަދަލުވަމުންނޭ."

މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ނިމޭއިރު، މުވައްޒަފުންގެ އަދަދަކީ ކޮބައިކަން އާރުޓީއައިއެއް ހުށަނާޅާ ވެސް ވެސް އެންމެންނަށް އެނގޭނެ ކަަމަށެވެ. 

ރައީސް މި މަހު 20 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވާ ގޮތުގައި، ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން ޔަގީން ވާތީ، އެކަން ދެން ނުކުރައްވާނެ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށް، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.