ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ހާލު ސީރިއަސްވި މީހާ މިއަދު ނިޔާވެއްޖެ އެވެ.

ރުކެއް ސާފުކުރަން އަރައިގެން އުޅެނިކޮށް ވެއްޓިގެން އަނިޔާވީ ހދ. ނޭކުރަންދޫ، ކާމިނީގެ، ހުސައިން ޝިފާޒް، 36، އަށެވެ. މިއަދުގެ އަސްރު ނަމާދަށް ފަހު އޭނާ ވަނީ މާލޭގެ އާސަހަރާގައި ވަޅުލައިފަ އެވެ.

މި މަހުގެ 16 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އޭނާ އަށް ފަރުވާދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. 

އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް އޭނާ ގެނައީ މީގެ ތިން ދުވަސް ކުރިންނެވެ.

ކުޅުދުއްފުށި ހިރަފުސްދަނޑުގެ އިރުމަތީ ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އޭނާ ވެއްޓުނީ ފަސްދޮޅަހަކަށް ފޫޓުގެ ރުކަކުން ކަމަށްވެ އެވެ.