އެންމެ ފަހުން ބޭއްވި އޭލެވެލް އިމްތިހާނުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން (ވީއައިއެޗްއެސް) ބައިވެރިވި ދަރިވަރުންގެ ކޭމްބްރިޖް ނަތީޖާތައް ރީޗެކް ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގައި ނުފޮނުވުމުން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި އެ ސްކޫލުން 400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. 

ވިލާ ހައި ސްކޫލުގެ ބެލެނިވެރިއެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސްކޫލުން އެޑިއުކޭޝަނަށް ހުށަހަޅަންޖެހޭ ދަރިވަރުންގެ އޭލެވެލް ރީޗެކް ފޯމުތައް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފޮނުވާފައި ނުވުމަކީ އިދާރީ ގޮތުން ހިނގާފައިވާ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އެކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ނަތީޖާ އިންތިހާއަށް ގޯސްކަމަށާއި ދަރިވަރުންގެ ނަތީޖާ އަލުން ބެލުމަށް ލިބުނު އެ ފުރުސަތެއް ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މިއީ ދަރިވަރުންގެ ފައިނަލް ގްރޭޑަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރުގެ މޮޅު ޔުނިވާސިޓީތަކުން ޖާގަ ހޯދުމަށާއި ދަރިވަރުންގެ ތައުލީމީ ކުރިމަގަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް. ހާއްސަކޮށް ގައުމީ ވަނަތަކަށް އުންމީދުކުރާ ދަރިވަރުންނަށާއި ވާދަވެރި މާހައުލެއްގައި މަތީ ތައުލީމުގެ ފުރުސަތު ހޯދަން މަސައްކަތްކުރާ ކުދިންނަށް މި ރީޗެކް ކުރުމުގެ މަރުހަލާއަކީ ކޮންމެހެން ބޭނުންތެރި މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށް ހުރަސް އެޅުމުގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގެ އެފަދަ ސްކޫލެއްގެ އިދާރީ ޒިންމާދާރުކަމާއި އިތުބާރާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ބެލެނިވެރިންނާއި ދަރިވަރުން މިފަދަ މުހިންމު ކަންކަން ސްކޫލާ ހަވާލުކުރަނީ ފުރިހަމަ އިތުބާރާ އެކު ކަމަށާއި ރިޗެކަށް ނުލެވުނު ސަބަބު ސާފުކޮށްދިނުމަށް ވެސް އޭނާ އެދިފައިވެ އެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ "މިހާރު" އަށް ވިދާޅުވީ އެފަދަ މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

"އެކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކެމްބްރިޖާއި ޑީޕީއީއާ ގުޅިގެން މަސައްކަތް ކުރަމުންމި ދަނީ. ހައްލެއް ލިބޭނެ، ބެލެނިވެރިންނަށް ވެސް އެކަން އަންގާފައި އޮންނާނީ،" މުސްތަފާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ސްކޫލުން އަބަދުވެސް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ވީއައިއެޗްއެސް އިން 400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 105 ދަރިވަރަކު ވަނީ  ގަދަ 10 ގައި ހިމެނިފަ އެވެ.