ދިވެހި މުޖުތަމައުއަކީ ކޮރަޮޕްޝަނާ ދުރު އަދި ނަޒާހަތްތެރި ބަޔަކަށް ހެދުމަކީ ގާނޫނީ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޒިންމާއެއް ކަމަށް ވިޔަސް އެކަން ނުކުރެވޭތީ އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު އެދިއްޖެ އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނީ، ގާނޫނުއަސާސީން އެ ކޮމިޝަނަށް ތަސައްވުރު ކުރި ޒިންމާ ކަމަށްވާ، ދިވެހި މުޖުތަމައުއަކީ ކޮރަޕްޝަންގެ އަމަލުތަކުން ސަލާމަތް ކުރެވިފައިވާ ނަޒާހަތްތެރި މުޖުތަމައުއަކަށް ހެދުމުގައި މިދިޔަ ދުވަސްތަކުގައި އެކަށޭނެ މިންވަރާ ގާތަށް ވެސް މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ.
"މީގެ އިތުރުން ކޮމިޝަން އަމާޒުތަކަށް ވާސިލްވުމުގައި، ހާއްސަ ގޮތެއްގައި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާ މެދު ތަފާތު ކުރުމެއް ނެތި ފިިޔަވަޅު އެޅިފައި ނެތުމާއި ކަޮރަޕްޝަންގެ އަމަލުތަކަށް މަގުފަހި ނުވާނެ ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާ ކުރުމުގައި ވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ ވެސް އަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ،" އެމްޑީޕީގެ ސިޓީގައި ވެ އެެވެ.
އެހެންވެ، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެދުނީ އޭސީސީގެ މެމްބަރުންނާ ވީހާ ވެސް އަވަހަކަށް ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ.