އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އިބޫގެ އުފަންރަށް، ޅ.ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް މަސައްކަތް ފެށި ކަމަށެވެ. މިފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތޭރައި އަބަދުވެސް ދިމާވާ ކަހަލަ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން އުފެދުނު މައްސަލަ ހޫނުވެ، އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. 

އިބޫ ވިދާޅުވީ އެތެރޭގައި ޖެހުނު މައްސަލައަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް ވެއްޖެ ކަމަށެވެ. 

"އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީ ގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މިދަނީ މަޝްވަރާކޮށް، މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިއްޔެއާއި ރޭ ވެސް އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ އެ މަޝްވަރާތަކުގަ އެވެ. 

"އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ،" އިބޫ ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައްލު ރަސްމީކޮށް، އަންނާނީ މާދަމާ ނުވަތަ މާދަމާ ރޭގެ ވަގުތެއްގަ އެވެ. 

އެމްޑީޕީއަށް 2028 އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުުރަން އެޕާޓީގެ ލީޑަޝިޕް މަސައްކަތްކުރާނީ އެކީގައި އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތްކުރާނީ އެއްވެސް މީހަކު ބާކީ ނުވާ ކަހަލަ ގޮތަކަށް އިންތިޒާމުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އެމްޑީޕީގެ މަސައްކަތް އިންތިޒާމުކުރާނީ އިބޫ ވިދާޅުވި ގޮތުގައި މިހާރު ހުންނެވި ޗެއާޕާސަން އާއި ޕާޓީގެ ރައީސް އަދި އެހެން ލީޑަރުން އެކުގައި ތިއްބަވާ ގޮތަށް ރޭވިގެންނެވެ. 

ދެހާސް އަށާވީސް ވަނަ އަހަރު އަނެއްކާ ވެސް އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، އެމްޑީޕީގެ އެތެރޭގައި ގަޕޯއާ މެދު ހިޔާލު ތަފާތުވުން އުފެދުނީ އެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި މައްސަލައިގަ އެވެ. 

އެކަމާ ނުރުހުން ފާޅުކޮށް، ނަޝީދަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރި އިރު ނަޝީދު ވެސް ޖަލްސާ އަށް ވަޑައެއް ނުގަންނަވަ އެވެ.

އޭގެ ފަހުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) އިބްރާހިމް ވަހީދާއި ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް އިއްޔެ ވަކިކުރުމުން އިތުރަށް ހޫނުވެ، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު ވަނީ އެމްޑީޕީ އަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގައި އެ ޕާޓީގެ ސީނިއާ ބައެއް މެމްބަރުން ހިމެނިިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލިހުގެ 55 ބޭފުޅަކު ސޮއިކުރެއްވި އެވެ.