މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ދ.މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ވޯޓު ފޮއްޓެއް އަލުން ގުނުމުން، އެ ގޮނޑި އެމްޑީއޭއަށް ލިބިއްޖެ އެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން އިބްރާހިމް ނަސީމެވެ. އޭގެ ތެރެއިން އީސީގެ ވެބްސައިޓުގައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ސުހާއަށް ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
އެ ނަތީޖާގައި އޮއްވައި ސުހާއަށް ލިބުނު ވޯޓެއް ބާތިލުވީ ލ.ފޮނަދޫގައި ބެހެއްޓި ފޮނަދޫ ތިން ނަމްބަރު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ ކަން ސާބިތުވުމުންނެވެ.
އެ ވޯޓު ބާތިލުވުމުން، ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި އާއްމުކޮށްގައިވާ ވަގުތީ ނަތީޖާ ދައްކާ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް 392 ވޯޓު ލިބުނު އިރު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ލިބުނީ 391 ވޯޓެވެ.
އެނގިފައިވާ ގޮތުގައި އެ ނަތީޖާއާ މެދު ބައެއް މީހުން ހިތްހަމަ ނުޖެހި، މައްސަލަ ހޫނު ވެސް ވި އެވެ.