ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފްލެޓު ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައްސަލަ އިސްތިއުނާފްކުރަން ނިންމައިފި އެވެ.
ހުޅުމާލޭގައި 3000 ފްލެޓު އަޅަން ސީލައިފްއާ 2014 ގައި ހަވާލުކުރުމުން ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ އެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތްތެރިވުމުގެ 42 އެއް ކޮށްފަ އެވެ.
އެކަމަކު އޭނާގެ މައްޗަށް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ އެ ދައުވާތަކަކީ މަދަނީ ކަމަކާ ގުޅޭ ކަމަށްވާތީ އެކަމަށް ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލާގައި ހެކި ވަޒަންކޮށްފައިވާ ގޮތާއި ކުށް ބަޔާންކުރާ މާއްދާއަށް ރިއާޔަތްކޮށްފައިވާ ގޮތް ގާނޫނާ ހިލާފު ކަމަށް ފެންނަ ކަމަށެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ދޫކޮށްލައިފަ އެވެ.
ފްލެޓު އެޅުމަށް ސީލައިފާ ހަވާލުކުރުމުން އެތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ބަޔަކު ދިޔަ އެވެ.
އެކަމަކު އޭގެ ފަހުން ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން އޭރު މައްސަލަ ހައްލުކުރީ ކޯޓުން ބޭރުގަ އެވެ.
ފަހުން، އެމީހުންނަށް ވަނީ ހުޅުމާލޭ 2 ގައި ކުރިއަށް ގެންދިޔަ ވިނަރެސް ފްލެޓު ގަތުމުގެ ފުރުސަތު ދީފަ އެެވެ.