ރާއްޖެއިން ހައްޖަށްދާ މީހުން މި އަހަރު ވެސް ހައްޖަށް ދާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތު ސައޫދީން މިދިޔަ އަހަރު ވެސް ދިނެވެ. އެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށްދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު އެ ގައުމުން ވަނީ ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން މި އަހަރު ވެސް ފުރާނީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިން ކަަމަށާއި އެކަމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާ އިން އެޑްވާންސް ޓީމެއް އަންނަ ހަފްތާގައި ރާއްޖެއަށް އަންނާނެ ކަމަށެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނުނު އަށް ވަނަ ގައުމެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.