ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓަށް ހުށަހަޅާއިރު، އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މި މަހުގެ 30 ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. 

މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމުގައި ގިނަ މީހުންނަށް އޮޅުން އަރާ ކަންކަން އެބަހުރި ކަމަށެވެ. 

އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް އެންސްޕާއިން ދީފައިވާ ކާޑު ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަށް، އެންސްޕާގެ ވަކި ލިޔުމެއް ބޭނުމެއް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ހާއްސަކޮށްފައިވެ އެވެ. ނަމަވެސް އޭރު އުސޫލު އޮތްގޮތުން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާލާށެވެ.

ނަމަވެސް މިދިޔަ ފެބްރުއަރީ މަހު މިނިސްޓްރީން އުސޫލަށް ގެނައި ބަދަލުގައި ވަނީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފަ އެވެ.

ބޯހިޔާވަހިކަން ދޭން ސަރުކާރުން މިފަހަރު ކަނޑައެޅި އާންމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވުމެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާ އެކު، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިލެވޭނެ އެވެ.

އޭގެ އިތުރުން އެމީހެއްގެ ނުކުޅެދުންތެރި ކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށް މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.