ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަންޖެހޭ ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށް ވެސް އެދެވޭނެ ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރަން "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެ ލިޔުމަށް އެދި ދަރިވަރު އަމިއްލަ އަށް ވެސް ހުށަހެޅޭނެ ކަމަށާއި ނަމަވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ލިޔެކިޔުން ހޯދައި، ދަރިވަރުންގެ އަތުން ބޮޑެތި އަދަދުތަކުން ފީ ހޯދަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެމްކިއުއޭއިން ބުނީ ތިން ވަނަ ފަރާތެއް މެދުވެރިވެގެން ހިދުމަތް ހޯދާ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން، ބައެއް ދަރިވަރުންގެ "ސްޓޫޑެންޓު ވިސާ" ހަމަނުޖެހި، އެ ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރި ނުވެވޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ބުންޏެވެ.

"ލޯނުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު، މި ލިޔުން ހޯދުމަށް ތިން ވަނަ ފަރާތެއް މެދުވެރި ނުވެ އަމިއްލަ އަށް އެދެވޭނެ ކަމާއި އަދި މި ހިދުމަތަކީ މި އޮތޯރިޓީން އެއްވެސް ފީއެއް ނެގުމެއް ނެތި ދެމުން އަންނަ ހިދުމަތެއް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

އެ އިދާރާއިން ބުނީ ލިޔުން ހޯދަން އީމެއިލް މެދުވެރިކޮށް އަދި އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ ކަމަށެވެ.